މި މައްސަލާގައި ޝަރުޢީ މަރުހަލާއަށް ދިޔުމަށް ނިންމީ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ވެމްކޯގެ ބިލުތަކަށް ފައިސާ ދެއްކުމުގެ ނަމުގައި ފިނޭންސް މިނިސްޓްރީން މި ފައިސާ އުނިކުރަމުންދަނީ ކައުންސިލަށް އެނގުމެއް އަދި އެއްވެސް ރުހުމެއް ނެތި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް ލިބެންޖެހޭ ބްލޮކް ގްރާންޓުގެ ފައިސާއާ ކައުންސިލުގެ ރުހުމަކާ ނުލައި އެއްވެސް ފަރާތަކަށް ނުކުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ވެމްކޯއަށް ފައިސާ ދެއްކުމުގެ ނަމުގައި މިހާތަނަށް ކައުންސިލުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ. މީގެ އިތުރުން، ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ ވެހިކަލް ފީ ނެގުން ވެސް މިދިޔަ މަހުން ފެށިގެން ހުއްޓުވާލާފައިވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބިންތައް އަތުލުމުން އަހަރަކު 23 މިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލޭނެ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެ އެވެ.
އާޒިމް ވިދާޅުވީ ބްލޮކް ގްރާންޓަކީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި، މިސްކިތްތައް ބެލެހެއްޓުމާއި، ސަހަރާތައް ފުޅާކުރުމާއި އާންމު ތަންތަން ބެލެހެއްޓުން ފަދަ ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށް ކަނޑައެޅިފައިވާ ފައިސާ ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ބަޖެޓުން ފައިސާ އުނިކުރުމުން އެ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުންދާ ކަމަށް ވިދާޅުވި އެވެ.
މުވައްޒަފުންގެ މުސާރަ ކައުންސިލްގެ އާމްދަނީ ބަޖެޓުން ދިނުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އެގޮތަށް އަމަލުކުރަން ޖެހުނީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ވެމްކޯއަށް ދައްކަންޖެހޭ ބިލުތަކުގެ އަދަދު މަހުން މަހަށް އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެހެންކަމުން މާލޭގެ ކުނި އުކާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެހެން ގޮތްތަކެއް ހޯދުމާ ގުޅޭގޮތުން ވެސް ކައުންސިލް މެންބަރުން ވަނީ މަޝްވަރާކުރައްވާފަ އެވެ.