ސިވިލް ކޯޓުން މި ނިންމުން ނިންމެވީ ފަނޑިޔާރު ހާފިޒާ އަބްދުއްސައްތާރެވެ.
މި ބިންތައް ދައުލަތުގެ ތަރައްގީގެ މަސައްކަތްތަކަށް ނެގުމަށް ހައުސިން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހު އެންގުމާ ގުޅިގެން، ކައުންސިލުން ކޯޓަށް ހުށަހެޅީ މައި މައްސަލައިގައި ގޮތެއް ނިންމަންދެން އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށެވެ. ނަމަވެސް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ރުކުންތައް ފުރިހަމަނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާ އެކު ކައުންސިލުގެ ބާރުގެ ދަށުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް އޮތްއިރު، އެކަން ހިނގާފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލޭނީ މައި ދައުވާގެ ތެރެއިން ކަމަށެވެ. އަދި މި އަމުރު ނުނެރެދީފިނަމަ، އަނބުރާ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، ބުރަވަނީ އާންމު މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ވެސް ކޯޓުން ބުންޏެވެ. އެހެންކަމުން ވަގުތީ އަމުރު ނުދިން ނަމަވެސް، މައި ދައުވާ ކޯޓުގައި ކުރިއަށްދާނެއެވެ.
ސަރުކާރަށް ނެގި ބިންތަކުގެ ތެރޭގައި ސަލްޓަން ޕާކާއި، އާޓިފިސަލް ބީޗާއި، ރަސްފަންނާއި، މާރުކޭޓު ސަރަހައްދުތަކާއި ކާނިވާ ހިމެނެއެވެ. މި ބިންތައް އަތުލުމަކީ ލާމަރުކަޒީ ނިޒާމާ ހިލާފު ކަމެއް ކަމަށް ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ.







