ads
އަލީ ސަމީރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ވަނީ މިއަދު ފާސްކޮށްފަ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަންކުރަން ކޮމިޓީން ރުހުން ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުން ދީފި އެވެ.
Advertisement

ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އަލީ ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު އަލީ ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޭއެސްސީގެ އެ ލަފައާ އެއްގޮތަށެވެ.

އަލީ ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު ވަނީ އަދާކުރައްވައިފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯފާމެއްގަ އެވެ.

ސަމީރު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް