ads
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓުން ޑެފިސިޓް 3.6 ޕަސެންޓަށް ކުޑަކުރެވުނު: ރައީސް
ސަރުކާރާ 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށާއި، މި ސަރުކާރުން ފުރަތަމަ އެކުލަވާލި ބަޖެޓާ އެކު އެ އަދަދު 3.6 ޕަސެންޓަށް ކުޑަކުރެއްވުނު ކަމަށް ރައީ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަށް ބަޖެޓެއް އެކުލަވާލަން ފުރަތަމަ ފުރުސަތު ލިބުނީ 2025 ވަނަ އަހަރަށް ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަހަރުގެ ބަޖެޓަކީ ކުރީގެ ސަރުކާރުން، އޭރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން، އާ ސަރުކާރަށް ދަތިވާނެ ގޮތަށް ފާސްކުރި ބަޖެޓެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒު ކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ސަރުކާރުން ހަރުދަނާ ފިސްކަލް މެނޭޖްމެންޓެއް ތަންފީޒުކޮށް، ޑެފިސިޓް ވަނީ ޖީޑީޕީގެ ނިސްބަތުން 3.6 ޕަސެންޓަށް ކުޑަކުރެވިފަ އެވެ. އެހެން ނަމަވެސް، މިއަހަރުގެ މާޗް މަހާ ހިސާބުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ފަތުރުވެރިކަމަށް ލޮޅުން އެރުމާ ގުޅިގެން ކަންކަން މެނޭޖްކުރުމުގައި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ގޮންޖެހުންތަކާ އެކު ވެސް ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް 5 ޕަސެންޓަށް ވުރެ ކުޑަކުރުން ކަމަށާއި، 2029 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން 1 ޕަސެންޓުގެ ސާޕްލަސްއަކަށް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ. ކޮވިޑްގެ ދުވަސްވަރު ފިޔަވައި ވޭތުވެދިޔަ 10 އަހަރު ދައުލަތުގެ ބަޖެޓް ކޮންމެ އަހަރަކު ވެސް ދިޔައީ ބޮޑުވަމުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު މި ހިނގާ އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުގެ އޯވަރޯލް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓުގެ 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 9.8 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް