މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކޮށްގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދިޔަ ބަހުސްއަށް ފަހު، އެ ބިލުތައް ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓަށް އަހާފަ އެވެ. ސަރުކާރުން މިދިޔަ ހަފްތާގައި ހުށަހެޅި މި ބިލުތަކުގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ބިލުގެ އިތުރުން ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލާއި، އިމިގްރޭޝަން ބިލު އަދި މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެވެ.
ރިއަލް އެސްޓޭޓް ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ފާސްވީ 42 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް އެމްޑީޕީގެ 13 މެންބަރަކު ވޯޓު ދެއްވި އެވެ. މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ ޕީއެންސީގެ 41 މެންބަރުންގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. ޕީއެންސީގެ 73 މެންބަރަކަށް ވޯޓު ދިނުމުގެ ހައްގު އޮންނައިރު، މިއަދުގެ ޖަލްސާއަށް ހާޒިރުވި ބައެއް މެންބަރުން ވޯޓު ނެގި ވަގުތު ތަޅުމުގައި ހާޒިރުވެފައެއް ނުވެ އެވެ.
ދެން ހުށަހެޅި ބިލުތަކަށް ބަލާއިރު:
އަބުރު ރައްކާތެރިކުރުމުގެ ބިލު: ކޮމިޓީއަށް ފޮނުވީ 44 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު، އެ ޕާޓީގެ ހަތް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
އިމިގްރޭޝަން ބިލު: ކޮމިޓީއަށް ފޮނުވަން 52 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ.
މަރުގެ އަދަބާ ގުޅޭ ބިލު: މި ބިލު ކޮމިޓީއަށް ފޮނުވީ 56 މެންބަރުންގެ ވޯޓުންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.
ކޮމިޓީ މަރުހަލާގައި މި ބިލުތަކަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެ ބަދަލުތަކާ އެކު، ބިލުތައް ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ނުވަތަ މި މަސް ނިމުމުގެ ކުރިން މި ބިލުތަކުގެ މަސައްކަތް މަޖިލީހުން އެއްކޮށް ނިންމާލާނެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ވެސް ނިންމާލި މިއަދުގެ ޖަލްސާއަށް ފަހު، ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.