އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ ދަށުން، ތިލަދުންމައްޗަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ ހަ ރަށަކަށް އެމްއެމްއޭގެ ޓީމުތަކުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫ އެވެ.
މި ދަތުރުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ރާވާފައިވެއެވެ. އޭގެ އިތުރުން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހާއްސަކޮށް "މެކްރޯ އިކޮނޮމިކްސް އަވެއާނެސް ސެޝަންތައް" ވެސް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ދިއްދޫ އާއި ވަށަފަރުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ފަދަ އިދާރާތައް ބައިވެރިވާނެ އެވެ. ހަމައެއާއެކު ރާއްޖޭގެ ފައިސާގެ ތާރީހާ ގުޅޭ ހާއްސަ ސްޓޯލެއް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސްޓޯލަކީ މި އަހަރު އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި ސްޓޯލެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
ހއ. އަތޮޅުގެ ރަށްތަކުގައި އެމްއެމްއޭއިން ފިންލިޓް ފެސްޓް ކުރިއަށްގެންދަނީ އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ. އެމްއެމްއޭ ފިންލިޓް ފެސްޓް އަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން އެކިއެކި މުބާރާތްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވާފައިވެ އެވެ. އަދި މި އަހަރު ވެސް ވަނީ ފިންލިޓް ފެސްޓް ބަހުސް މުބާރާތާއި ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ވެސް ކުރިއަށް ގެންގޮސްފަ އެވެ.