މި ނިންމުން ނިންމާފައި މިވަނީ، ކުންފުނީގެ ހާމަކުރުންތަކާއި ޗައިނާއާ އޮންނަ ވިޔަފާރީގެ ގުޅުންތަކާ ގުޅޭ ގޮތުން ރެގިއުލޭޓަރީ އިދާރާތަކުގެ ފާރަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހުއާން އެންވީޑިއާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ދެ އަންހެނަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވިކަން ހާމަވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެކަކީ ޗައިނާއަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ އަންހެނެއް ކަމަށާއި، އަނެއް އަންހެނަކީ އެންވީޑިއާގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
ނަމަވެސް އިސްތިއުފާއަށް ފަހު ނެރުއްވި ފުރަތަމަ ބަޔާނުގައި ހުއާން ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނާއި އިންވެސްޓަރުން އަދި ކަސްޓަމަރުން އޭނާ އެނބުރި އައުމަށް ގޮވާލަމުންދާ ކަމަށެވެ. އަދި ބޯޑުން އެދިއްޖެ ނަމަ އަލުން ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގަތުމަކީ ލިބޭނެ ޝަރަފެއް ކަމަށާއި، ބޯޑަށް ދިމާވި މައްސަލަތަކާ މެދު ހިތާމަކުރައްވައި މިނިވަން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އިންވެސްޓަރުންގެ ކޮންފަރެންސް ކޯލެއްގައި ވާހަކަ ދައްކަވަމުން އެންވީޑިއާގެ ޗެއާމަން ހާވީ ޖޯންސް ވިދާޅުވި ގޮތުގައި، ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ ކައިވެނިން ބޭރުގެ ގުޅުންތަކެއް ފަޅާއެރުމާ ގުޅިގެން އަމިއްލައަށެވެ. އަދި ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އާ ސީއީއޯއެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ ބޯޑަށް "ޖެންސަން އަނބުރާ ގެނައުމަށް" ގޮވާލައި ހިންގާ ކެމްޕޭނަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކާއި ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސްގެ ސީއީއޯ ޓިމް ސްވީނީ ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެންވިޑިއާގެ ސީއީއޯގެ މަގާމަށް ހުއާންގް އަނބުރާ ވަޑައިގަތުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، މި ހާދިސާއިން ހުއާންގްއަށް ބޮޑު ފިލާވަޅެއް ލިބިވަޑައިގެންފި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގައުމީ ސަލާމަތާއި އެކްސްޕޯޓް ކޮންޓްރޯލްތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށްޓަކައި އެންވީޑިއާގެ ބޯޑު ފެންވަރުގެ ކޮމިޓީއެއް މިހާރު ވަނީ އުފައްދާފަ އެވެ. މި ކޮމިޓީގެ މުގައްރިރަކީ ގޯލްޑްމަން ސެކްސްގެ ކުރީގެ ވައިސް ޗެއާ ސުޒޭން ނޯރާ ޖޯންސަން އެވެ.