ads
ފިނޭންސް މިނިސްޓްރީ
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރަން ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކަނީ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ ހޯދުމަށް، ބޭރުގެ މާކެޓަށް ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކަން ސަރުކާރުން ކަނޑައަޅައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތަކުން އެނގޭ ގޮތުން އެ އަހަރުގެ ބަޖެޓަށް ފައިނޭންސިންގެ 14 ޕަސެންޓް ހޯދަން ކަނޑައަޅާފައިވަނީ ބޭރުގެ މާކެޓަށް ގޮސްގެން ބޮންޑެއް ނުވަތަ ސުކޫކެއް އިޝޫ ކޮށްގެންނެވެ.  

ބޭރުގެ މާކެޓަށް ގޮސް ސުކޫކެއް ނުވަތަ ބޮންޑެއް އިޝޫކުރަން ބަޖެޓުގައި ހިމަނާފައިވާއިރު، 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން މި އަހަރު ވަނީ ދައްކައި ހަލާސްކޮށްފައެވެ. އެ ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ފައިސާ ހިމެނޭހެން ޖުމްލަ 524 މިލިއަން ޑޮލަރު އަދާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު އަހަރަށް ވާއިރު، މި އަހަރު ދަރަނި ދެއްކުމަށް އެކަނިވެސް ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭއިރު، އޭގެ 63 ޕަސެންޓް ނުވަތަ 11.9 ބިލިއަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވަނީ އެތެރޭގެ މާކެޓުންނެވެ. ޑޮމެސްޓިކް މާކެޓުން ހޯދާ ފައިސާގެ ބޮޑު ބަޔަކީ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކައިގެން ހޯދާ ފައިސާއެވެ.

މީގެ އިތުރުން ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޕާޓްނަރުން މެދުވެރިކޮށް ހޯދާ ފައިނޭންސިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމަށްވާ 1.8 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ "ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުން" ގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތްތަކުންނެވެ. ނަމަވެސް އެއީ ސީދާ ކޮން ބައެއް ކަމެއް ބަޖެޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. މާލީ އިދާރާތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދެއް ހޯދުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން 368 މިލިއަން ރުފިޔާ އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް 324 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް އެ ބަޖެޓަށް އަމަލުކުރަން ފެށޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްފަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް