ފާއިތުވި މަސްތަކުގައި ސަޢުދީގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް، ހާއްސަކޮށް "އީސްޓް-ވެސްޓް" ތެޔޮ ހޮޅިތަކަށާއި، ދެކުނުގެ ޖާޒާން އަދި އިރުމަތީ އަވަށުގެ ރައުސް ތަނޫރާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ހަމަލާދީފައިވާ ކަމަށް ހޫސީން ތަކުރާރުކޮށް ދައުވާކޮށްފައިވެ އެވެ. ނަމަވެސް، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އެއްވެސް ހަމަލާއެއް އަމާޒުވިކަން ސައުދީ ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީ ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ހޫތީން އެންމެ ފަހުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ އާންމު އަދި އިގުތިސާދީ މަރުކަޒުތަކަށެވެ. އަދި މި ހަމަލާގެ ސަބަބުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ އެކި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ދޭ މިފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.