ނޭޕާލްގެ ފައިސާއިން 240 ބިލިއަން ރުޕީސްގެ މި ޕެކޭޖު މޯދީ އިއުލާނުކުރެއްވީ، ނިއު ދިއްލީގައި ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހުއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. މޯދީ ވިދާޅުވި ގޮތުގައި، މި އެހީގެ ބޭނުމަކީ ނޭޕާލް އަލުން އާރާސްތުކުރުމަށާއި ދުރު ރާސްތާގެ ތަރައްގީއަށް އިތުރު ހިތްވަރެއް ދިނުމެވެ.
ކުރީގެ ބޮޑުވަޒީރުންނާ ހިލާފަށް، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހް ވަނީ ބޭރު ގައުމުތަކަށް ދަތުރުކުރެއްވުމުން ދުރުހެލިވެވަޑައިގެންފަ އެވެ. އޭނާ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރަކީ މިދިޔަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއު ޔޯކަށް ކުރެއްވި ދަތުރެވެ.
ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިން ކުއްލި އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު ޝާހް ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާއަކީ ގުދުރަތީ ކާރިސާތަކާއި އެހެނިހެން ނުރައްކާތެރި ދަނޑިވަޅުތަކުގައި އިތުބާރު ހުރި ގޮތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމުގައި އޭނާ ސިފަކުރެއްވި އެވެ.
ހިމާލަޔާ ފަރުބަދަމަތީގެ ގަނޑުފެންގަނޑެއް ވެއްޓި، ސުނާމީއެއް ފަދައިން އައި އެ ފެންބޮޑުވުމުގެ ހާދިސާގައި ނޭޕާލުން 1،400 އަށް ވުރެ ގިނަ މީހުން މަރުވެ، 5،000 މީހުން ވަނީ ގެއްލިފަ އެވެ.
މޫސުމީ ބަދަލުތަކަށް ޒިންމާވާ ވިހަ ގޭސް ބޭރުކުރުމުގައި ނޭޕާލްގެ ހިއްސާ ކުޑަ ނަމަވެސް، މޫސުމީ ބަދަލާ ގުޅުން ހުރި މި ގެއްލުމާ ގުޅިގެން އެ ގައުމު އަލުން އާރާސްތުކުރުމަށް 4.78 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
އޯގަސްޓް މަހު ދިމާވި ކާރިސާއާ ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އެގޮތުން، އިންޑިއާއިން ވަނީ ކުއްލި އެހީ ފޯރުކޮށްދިނުމުގެ އިތުރުން، ފަރުބަދަމަތީ ސަރަހައްދުތަކުގެ މުވާސަލާތީ ހިދުމަތްތައް އިއާދަކުރުމަށް ވެސް އެހީތެރިވެދީފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ހުޅުވާލެވިފައިވާ ބޯޑަރެއް އޮތުމާ އެކު، ނޭޕާލްގެ އެތައް ލައްކަ ރައްޔިތުންނެއް އިންޑިއާގައި ދިރިއުޅެމުންދާއިރު، އިންޑިއާ އާއި ނޭޕާލާ ދެމެދު އިގްތިސާދީ، ސަގާފީ އަދި އިޖުތިމާއީ ގޮތުން ދިގު މުއްދަތުގެ ވަރުގަދަ ގުޅުމެއް އޮވެ އެވެ.