ރާއްޖޭގެ އިގްތިސާދީ ހަޔާތަށް ބަލާއިރު، ދިވެހިންގެ ޒަމާންވީ ދިރިއުޅުމާއި ސަގާފަތާ ގުޅިފައިވާ މައިގަނޑު އެއް ސިނާއަތަކީ މަސްވެރިކަމެވެ. މަސްވެރިކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާމްދަނީ ބެހިގެންދިޔަ، އަދި އާދައިގެ ރައްޔިތު މީހާގެ ޖީބަށް ސީދާ ފައިސާ ޖަމާވަމުން ދިޔަ ވަސީލަތެކެވެ. ނަމަވެސް، ފާއިތުވި ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކަށް ވެގެން ދިޔައީ ފަތުރުވެރިކަމުގެ ސިނާއަތެވެ.
ފަތުރުވެރިކަމުގެ ސަބަބުން ގައުމަށް ބޮޑެތި މާލީ ކުރިއެރުންތަކެއް ލިބި، ދުނިޔޭގެ ފެންވަރުގެ ހިދުމަަތްތައް ރާއްޖެއަށް ތައާރަފުވެގެން ދިޔަ ނަމަވެސް، މި ދެ ސިނާއަތުގެ މައްޗަށް އެކަނި އިގްތިސާދު ބިނާވެފައި އޮތުމަކީ ގައުމު އަބަދު ވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ސަބަބެކެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން ދިޔަ ގޮތަށް ބަލާއިރު ފެންނަ އެންމެ ބޮޑު އެއް ހަގީގަތަކީ، އެ ސިނާއަތުގެ ފޮނިމީރުކަން ގައުމުގެ ހުރިހާ ފަންތިއަކަށް ހަމަހަމަކަމާއެކު ނުވަތަ އެކަށީގެންވާ މިންވަރަށް ގިނަ ބަޔަކަށް ބެހިގެން ނުދިޔަކަމެވެ.
ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމުގައި ރައްޔިތުންނާއި، ކަމާއި ގުޅޭ މާހިރުން ބައިވެރިކުރުމާއި ބެހޭގޮތުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، އާ ސިނާއަތެއް އުފަން ކުރާ އިރު، ތަންދޮރު ދަންނަ ސިނާއަތުގެ ފަންނީ މީހުންނާއި، ވިޔަފާރިވެރިން ބައިވެރިކުރަންޖެހޭނެ ކަމަށެވެ. އަދި އެ މީހުން ބައިވެރި ކުރުވަންޖެހޭނީ މައުނަ ހުރިގޮތަށް ކަމާއި އޭގެ އިތުރުން މަގުފަހިކޮށްދޭ ސަރުކާރެއް އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އިގްތިސާދީ މަންފާގައި އެންމެން ޝާމިލުކުރުމާއި، ސިނާއަތުން ލިބޭ ފައިދާ ފުޅާދާއިރާއެއްގައި އާންމުންނަށް ފޯރުކޮށްދިނުމަށެވެ.
މީގެ އިތުރުން މީހުންގެ ބައިވެރިވުން މާނަ ކުރަންޖެހޭނީ ދިވެހި ރައްޔިތުންނަށް އަމަލީގޮތުން ހިއްސާވެ، ހުނަރާއި ގާބިލުކަން އިތުރުކޮށް، އިންވެސްޓްކުރުމުގެ ފުރުސަތު ލިބި، އޭގެ މިލްކުވެރިކަން ހޯދައި، އިގްތިސާދީ މަންފާ ލިބޭނެ ހަގީގީ މަގުތައް ފަހިވާނެގޮތަކަށް ކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އިގްތިސާދު ސިންދަފާތުކޮށް، އާ ސިނާއަތްތަކަށް ޖާގަދޭން މަސައްކަތްކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭނީ ހަމައެކަނި އަވަސް ފައިދާއަކަށް ނޫނެވެ. ދެމެހެއްޓެނިވި ގޮތެއްގައި އާ ދާއިރާއެއް ތަރައްގީކުރެވޭނީ ތަންދޮރުދަންނަ މީހުންނާއި ތިމާވެށީގެ، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުގެ ފަންނީ މާހިރުންގެ އިލްމީ ދިރާސާތަކަށް ބުރަވެގެންނެވެ.
މާހިރުންގެ ލަފައާ ނުލައި، އަދި ސިޔާސީ ނުވަތަ ވިޔަފާރީގެ ވަގުތީ މަންފާއަށް ކަންކަން ކުރުމަކީ ކުރިމަގުގައި އެތައް ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. ހަމައެއާއެކު، އެ ސިނާއަތެއްގެ އަސަރު ފޯރާނެ އާންމު ރައްޔިތުންނާއި، މަސައްކަތްތެރިންނަށް ތަންދޮރުދަންނަ މީހުންގެ އަޑު އަހައި، އެމީހުންގެ ބައިވެރިވުން ސިޔާސަތުތައް ކަނޑައެޅުމުގައި ހިމަނަންޖެހެއެވެ. ސިނާއަތަކުން ލިބޭ ނަފާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ވާސިލުވާނެ އޮނިގަނޑެއް އެކުލަވާނުލެވިއްޖެ ނަމަ، އާ ސިނާއަތަކީވެސް އިތުރު ބޭއިންސާފުތަކަކަށް ހުޅުވޭ ދޮރަކަށް ވެގެންދާނެއެވެ.
ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ގައުމީ ޔުނިވަސިޓީގައި އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންދާ އިފާޒާ އަހުމަދު ދެކިވަޑައިގަންނަވާގޮތުގައި ވަކި ބައެއް ބޭނުންވާގޮތަކަށް އާ ސިނާއަތްތައް އުފަން ކުރާނެ ގޮތްތަކެއް ނިންމާ ނަމަ އިގްތިސާދީ ބޮޑެތި ކާރިސާތަކާއި ކުރިމަތިލާންޖެހޭނެއެވެ.
އިގްތިސާދީ އަދި ސިނާއަތްތަކުގެ ފަންނީ މީހުން މިހެން ވިދާޅުވާއިރު، އެދޭ ރާއްޖެ ހަރަކާތުން ވަނީ، ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގު ރާސްތާ ޕްލޭނާ ނުލައި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ކުރާ މަސައްކަތްތައް ހުއްޓާލައި، ތަންދޮރުދަންނަ މީހުންނާއި ކަމާ ގުޅޭ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ބައިވެރިވުމާއެކު ގައުމީ ތަރައްގީގެ ޕްލޭނަކަށް ނޫނީ ރާއްޖެ ތަރައްގީ ނުކުރަން "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލާފައެވެ.
"އެދޭ ރާއްޖޭގެ" ހުށަހެޅުން
1. ކަމާ ގުޅޭ އިލްމާއި ތަޖުރިބާ ހުރި މީހުންނާއި ކައުންސިލްތަކާއި، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު މުޅި ރާއްޖެ ހިއްސާވާ، ގައުމީ ތަރައްގީގެ ތަސައްވުރާއި ޕްލޭނެއް އެކުލަވާލައި، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
2. ގާނޫނު އަސާސީ އިން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަަރއްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީކުރުން ލާޒިމް ކުރުން
3. މިގޮތަށް އެކުލަވާލާ ޕްލޭނަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސއްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީކުރުން ލާޒިމްވެ، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޠާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުަގައި ބޭނުންކުރުމުގެ ފުރުސަތު ހަނިކުރެވިގެންދާނެއެވެ.
ތަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންގެ ވާހަކަތަކާއި ހުށަހެޅުންތަކަށް އިޖާބަ ނުދީ، ގައުމެއްގެ ތަރައްގީގެ ދަތުރުގައި ކުރެވޭ އެންމެ ބޮޑު ކުށަކީ މާޒީގައި ހެދުނު ގޯސްތައް ތަކުރާރުވުމެވެ. ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު ފިލާވަޅުތަކަކީ މިއަދު ފެންނަށް ހުރި އެންމެ އަގުހުރި އިބްރަތްތަކެވެ. އެހެން ކަމުން ގައުމުގައި އާ ސިނާއަތެއް އުފަންކޮށް އެ ސިނާއަތް ތަރައްގީ ކުރުމުގެ ވާހަކަ ދައްކަމުންދާ ނަމަ، އެ ވާހަކަތަކާއި އެ މަޝްވަރާތަކަކީ މަދު ބަޔަކު އަދި އެއް ފިކުރެއްގެ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާކަމަކަން ހެދުމަށް ވުރެ ތަންދޮރުދަންނަ މީހުންނާއި ފަންނުތަކުގެ ތަޖުރިބާކާރުންނާއި އާންމުންގެ އިތުރުން ސިވިލް ސޮސައިޓީގެ ބއިވެރިވުމާއި މަޝްވަރާއަކީ ކޮންމެހެން ބޭނުން ކަމެކެވެ.
އާ ސިނާއަތެއް އުފަން ކުރުން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. ނަމަވެސް ލަސްވި ނަމަވެސް ދެން އުފަން ކުރާ އާ ސިނާއަތަކީ، މަދު ބަޔަކު އަދި އެއް ފިކުރެއްގެ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާކަމަކަން ނުހަދައި، ތަންދޮރުދަންނަ މީހުންނާއި ފަންނުތަކުގެ ތަޖުރިބާކާރުންނާއި އާންމުންގެ އިތުރުން ސިވިލް ސޮސައިޓީގެ ބއިވެރިވުމާ އެކު ކަނޑައަޅާކަމަކަށް ވެއްޖެ ނަމަ އެކަމުން ލިބޭނެ މަންފާ ބޮޑުވެ، ލިބޭ ގެއްލުން ކުޑަ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.
އިގްތިސާދީ ކުރިއެރުމަކީ އިޖުތިމާއީ އަދާލަތާއި، ގުދުރަތީ ވަސީލަތްތަކުގެ ރައްކާތެރިކަމާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާ ގުޅިފައިވާ ކަމެކެވެ. މާހިރުންގެ ދިރާސާތަކަށް ބީރު ކަންފަތެއް ދީ، މުޅި މުޖުތަމައު ބާކީކޮށް އާ ސިނާއަތްތައް ތައާރަފުކުރަން އުޅެފިނަމަ، އޭގެ ބުރަ އުފުލަންޖެހޭނީ އަންނަން އޮތް ޖީލުތަކެވެ.
އާ ސިނާއަތެއް ފުޅާކުރުމަކީ ގައުމަށް ލިބޭނެ އާ އުންމީދެކެވެ. ނަމަވެސް އެ އުންމީދު ހަގީގަތަކަށް ވާނީ، އަދި އޭގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ، ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ފަންނީ މާހިރުންގެ ތަންދޮރުދަންނަ މީހުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ އިންސާފުވެރި އުސޫލުތަކެއްގެ މަތިން އެކަން ބައްޓަންކުރެވިގެންނެވެ.