ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަމީރު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.
ސަމީރު އެ މަގާމަށް އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އަލީ ސަމީރަކީ 12 މެއި 2022 އިން 28 އޮކްޓޫބަރު 2024 އަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މާޗު 2011 އިން މެއި 2022 އަށް އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާގެ މަތިންނެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ފޮނުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީއެވެ.
ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާގެ މަތިންނެވެ. އެގޮތުން ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަންފުޅެއް މަޖިލީހަށް ފޮނުއްވައެވެ. އަދި މަޖިލީހުން ރުހުން ދޭތާ ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަގާމަށް އައްޔަންކުރައްވަން ޖެހެއެވެ.