މިނިސްޓަރު އަލީ އިހުސާން މިއަދު ބައެއް މީޑިއާ ތަކަށް ވިދާޅުވީ ކުޑަކުދިން އަމިއްލައަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅި ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މިކަމުގައި ވަކި ގޮތެއް ނިންމާނީ ސޯޝަލް ކައުންސިލްގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު، އެކި ހިޔާލުތަކާ އެކު ކެބިނެޓާ ހަމައަށް ގޮސްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އިން މިއަދު މެންދުރުފަހު ބާއްވާ ޕްރެސް ކޮންފަރެންސްގައި މިކަމުގެ އިތުރު ތަފްސީލު ލިބޭނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގައި ބާއްވަވާ "އިހްސާނުގެ ޕްރެސް" އޮތީ މިއަދު 2:15 އަށް ތާވަލުކޮށްފަ އެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުން ނުކުރެވޭ ގޮތް ހަދަން ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.