އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް މި މަހުގެ 2 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ގަރާރު ދިރާސާކުރުމަށް ކޮމިޓީގެ ބައްދަލުވުން ފުރަތަމަ ތާވަލުކުރީ އިއްޔެއަށެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ނުގެންގޮސް މިއަދަށް ފަސްކުރުމަށް ފަހު، މިއަދު މެންދުރު 12:30 އަށް ތާވަލުކުރި ބައްދަލުވުން ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ގަރާރު ހުށަހެޅުއްވި ނާޒިލް ވިދާޅުވީ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ގަރާރަކާ މެދު ބަހުސްކުރުމަށް ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ގޮވާލައި މުޒާހަރާ ކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ބަޔަކަށް ދިރިއުޅެން ހުއްދަ ދޭ ނަމަ، އެކަމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި އެފަދަ ވޯޓަކުން ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އިދިކޮޅު ޕާޓީން މިފަދަ ވޯޓަކަށް ގޮވާލަމުން ދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވެފައިވަނީ މި މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މި މަޝްރޫއަކީ ރައްޔިތުންނަށް މުޅިން ވެސް ފައިދާ ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ.
ރަސްމާލޭގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ރިއަލް އެސްޓޭޓް ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. މި ބިލުގައިވާ ގޮތުން އިންޓަގްރޭޓެޑް ޒޯނުގައި ހިމެނޭ ޕްރޮޕަޓީތައް ލީސްހޯލްޑް އުސޫލުން 99 އަހަރަށް ސެރެންޑާ އެންޑް ރީ-ގްރާންޓް މޮޑެލްގެ ދަށުން ވިއްކޭނެ އެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ފަރާތްތަކަށް ޒޯނުގެ 25 ޕަސެންޓަށް ވުރެ ގިނަ ބިން ނުވަތަ ޔުނިޓް ނުވިއްކޭނެ ކަމަށާއި، ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށް ބިން ވިއްކުން މަނާވާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.