މި މައްސަލަ ފެންމަތިވެފައިވަނީ ލޮލުގެ ފަރުވާއަށް ބޭނުންވާ އެ އިންޖެކްޝަން އައިޖީއެމްއެޗުން ނުޖެހި، އައިކެއާ ފަދަ އަމިއްލަ ކްލިނިކްތަކުން ޖަހަން ޖެހޭ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެންނެވެ. އެ އިންޖެކްޝަން އައިކެއާއިން ޖަހައިދެނީ ބޮޑު އަގުގައި ކަމަށްވާއިރު، އެ ޚިދުމަތަށް އާސަންދަ ހަމަޖެހެނީ ވެސް ދެބައިކުޅަ އެއްބަޔަށެވެ. އެހެންވެ، ކޮމިޓީން ވަނީ މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުގެ އިސްވެރިންނާ ސުވާލުކޮށްފައެވެ.
އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ އޮޕްތަލްމޮލޮޖީގެ ކޮންސަލްޓަންޓު ޑރ. މަރިޔަމް ޝަހާނާ މުފީދު ވިދާޅުވީ، "ލުސެންޓިކްސް" ނަމަކަށް ކިޔާ އެ އިންޖެކްޝަނަކީ ލޮލުގެ އެތެރެފަށަލައިގެ ބަލިތަކާއި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ މީހުންނަށް ދޭ ބޭހެއް ކަމަށެވެ. އަދި އެ ބޭސް ހޮސްޕިޓަލުގެ ފާމަސީން ލިބެން ނެތުމުން، ބަލިމީހުން އަމިއްލައަށް ގަނެގެން ގެނައުމުން އައިޖީއެމްއެޗުން ޖަހައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހަކު އެއްފަހަރު މި އިންޖެކްޝަން ޖަހަން ޖެހޭއިރު، އޯޑަރުކޮށްގެން ބޭސް ލިބެނީ ތިން މަސް ފަހުން ކަމަށް ޑރ. ޝަހާނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ފަރުވާ ލަސްވެ، ބަލިމީހުންގެ ލޮލުގެ ފުސްކަން އިތުރުވަމުންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ހާމަކުރެއްވިއެވެ. އަދި މަހަކު އާންމުކޮށް 40 އެއްހާ މީހުން މި އިންޖެކްޝަން ޖެހި ނަމަވެސް، ކޮންމެ ބަލިމީހަކަށް ޖުމްލަ ބޭނުންވާނީ ކިތައް އިންޖެކްޝަންކަން ދަންނަވަން ދަތި ކަމަށް ވެސް ވިދާޅުވިއެވެ.
އިންޖެކްޝަނުގެ ސްޓޮކާ ގުޅޭގޮތުން ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ހެޑް އޮފް ޕްރޮކިއުމަންޓް ޒީނަތު އަލީ ހަބީބް ވިދާޅުވީ، ހޮސްޕިޓަލުގައި ސްޓޮކް ބަހައްޓަނީ އާންމުކޮށް އެތަނުން ޚިދުމަތް ހޯދާ މީހުންނަށް ކަމަށް ވިޔަސް، އެހެން ފަރާތްތަކަށް ވެސް އިންޖެކްޝަން ޖަހައިދޭ ކަމަށެވެ. އަދި މި މައްސަލަ މިހާރު ބޮޑުވެގެން އުޅެނީ ބޭރުގެ އެހެން ފާމަސީތަކުން ވެސް މި އިންޖެކްޝަން ލިބެން ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.