އާލިއާގެ ލޯޔަރު އިންޑިއާގެ ނޫސްތަކަށް ބުނި ގޮތުގައި ނޯޓިސް މިހާރު ވަނީ ނަވާޒުއްދީންއަށް ވެސް ފޮނުވާފަ އެވެ. އެގޮތުން މިމަހުގެ ހަތް ވަނަ ދުވަހު އޭނާއަށް ނޯޓިސް ފޮނުވާފައި ވަނީ އީމެއިލް އަދި ވަޓްސްއަޕް މެދުވެރިކޮށެވެ.
ލޮކްޑައުނުގެ ސަބަބުން އެގޮތަށް ލީގަލް ނޯޓިސް ފޮނުވާފައިވާކަން ފާހަގަކޮށް ލޯޔަރު ބުނެފައި ވަނީ އެކަމާ ގުޅިގެން ނަވާޒުއްދީން އަދި އެއްޗެކޭ ބުނެފައި ނުވާ ކަމަށެވެ.
ލޯޔަރު ވަނީ ނަވާޒުއްދީންްގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެކަމަކު އެކަމުގެ ތަފްސީލު މީޑިއާއަށް ހިއްސާކުރަން ބޭނުން ނުވާ ކަމަށް ވެސް ބުނެފަ އެވެ. އަދި އެއީ ނަވާޒުއްދީން އާއި އޭނާގެ އާއިލާއަށް ވެސް ވަރަށް ސެންސިޓިވް ކަންތައްތަކެއް ކަމަށް ބުންޏެވެ.
ނަވާޒުއްދީން އާއި އޭނާގެ އަންހެނުން އަންޖަލީ ކައިވެނިކޮށްގެން އުޅޭތާ މިހާރު 10 އަހަރުވެއްޖެ އެވެ. އަދި އެމީހުންގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ވަނީ ނަވާޒުއްދީން އާއި އޭނާގެ އަންހެނުންގެ މެދުގައި މައްސަލަތަކެއް އުޅޭކަމަށް އަޑުތައް އަރާފަ އެވެ. އަދި ވަރިވާން އުޅޭކަމުގެ އަޑުތައް އޭރުވެސް އެރި އެވެ.
މިފަހަރު ވަރިވާން ނަވާޒުއްދީންއަށް ލީގަލް ނޯޓިސް ފޮނުވައި އިންޑިއާގެ ނޫހަކަށް އާލިއާ ބުނީ އެކަން ކުރަން ނިންމާފައި ވަނީ އެންމެ ސަބަބަކާ ހުރެ ނޫން ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ސަބަބުތަކަކާހުރެ ނިންމާ ނިންމުމެއްކަން ފާހަގަކޮށް ބުނެފައި ވަނީ އެއީ ވަރަށް ސީރިއަސް ސަބަބުތަކެއް ކަމަށެވެ.
އެގޮތުން ކައިވެނީގެ އެއް އަހަރު ފަހުން 2010 ވަނަ އަހަރުން ފެށިގެން މައްސަލަތައް ޖެހެން ފެށި ނަމަވެސް މިހާ ދުވަހު އޭނާ ވަރަށް ކެތްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިވަގުތު ނަވާޒުއްދީން ހުރީ އޭނާ ނިސްބަތްވާ އުއްތަރު ޕްރެދޭޝްގެ ބުދާނާގަ އެވެ. އެގޮތުން އާއިލާގެ މެމްބަރުންގެ ކައިރިއަށް އޭނާ ގޮސްފައި ވަނީ މަންމަގެ ސިއްހީ ހާލަތު ދަށް ކަމުންކަމަށް ކުރިން އޭނާ ބުނެފައިވެ އެވެ. ނަވާޒުއްދީން ބުނީ އަށް އަހަރު ކެންސަރު ބަލީގައި އުޅުމަށް ފަހު އޭނާގެ ކޮއްކޮ މަރުވުމާއި ގުޅިގެން 71 އަހަރުގެ މަންމަ އުޅެނީ ވަރަށް ފިކުރު ބޮޑު ދިރިއުޅުމެއްގައި ކަމަށެވެ.
އެކަމަކު ވަރިވާން އުޅޭކަމަށް ފެތުރިފައިވާ އަޑުތަކާއި ގުޅިގެން މިހާތަނަށް ނަވާޒުއްދީން ވާހަކަ ދައްކާފައެއް ނުވެ އެވެ.
ނަވާޒުއްދީނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. އެގޮތުން އޭނާ ވަނީ ބަޖްރާންގީ ބައިޖާން އާއި ފޮޓޯގްރާފް ފަދަ ފިލްމުތަކުން ވެސް ފެނިފަ އެވެ. މިހާރު އޭނާ އަންނަނީ "ބޯލެ ޗޫޅިޔާން" ފިލްމުގެ މަސައްކަތް ކުރަމުންނެވެ.