ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި މި ތީމް ޕާކުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.
މި މަސައްކަތް އަލުން ފައްޓަވާދެއްވީ އިންފްރާސްޓްރަކްޗަ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ވޯޓާ ޕާކުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އެވެ. އަދި އެ ސަރަހައްދުގައި ހޮޓާ ތަރައްގީކުރާ އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގުރޫޕްއެވެ. މި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ ޖުމްލަ 41,549.7 އަކަމީޓަރުގެ ސަރަހަދެއްގައެވެ. އެގޮތުން އެ ސަރަހައްދުގެ 17,800 އަކަމީޓަރުގައި ގާއިމުކުރަނީ ވޯޓަރ ތީމް ޕާކެވެ. ދެން ބާކީ އޮތް 23,749.7 އަކަމީޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރަނީ "ވޯކޯ ރިސޯޓް ހޮޓެލް" އެވެ.
މި ވޯޓަރ ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނާއި 30 ވަސީލަތް ހިމެނޭކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން އަށް ވޯޓާ ސްލައިޑުގެ ކޮމްޕްލެކްސްއަކާއި، 290 މީޓަރުގެ "ލޭޒީ ރިވަރ" އަކާއި، 900 އަކަމީޓަރުގެ ވޭވް ޕޫލަކާއި، 1,900 އަކަމީޓަރުގެ "ސްޕްލޭޝް ޕެޑް" އެއް ހިމެނެއެވެ. އަދި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕޫލްތަކާއި ސްލައިޑްތަކުގެ އިތުރުން މަޑުކޮށްލާނެ ތަންތަންވެސް ހިމެނއެވެ.
މީގެއިތުރުން މޫދު ފެންނަ 230 އަކަމީޓަރުގެ "އިންފިނިޓީ ބަބްލް ޕޫލް" އަކާއި މޫދު މަތީ އިންފްލޭޓަބަލް ގޭމްސްގެ އިތުރުން ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ހެދުމަށް ވަނީ ނިންމާފައެވެ. ޕާކުގެ 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތުގެ އިތުރުން ފަސް ފަންގިފިލާގެ އޮފީސް އެކޮމޮޑޭޝަން ބްލޮކެއް، ރެސްޓޯރެންޓެއް، ފޮޓޯ ނެގުމަށް ހާއްސަ ތަންތަން، މަލްޓިމީޑިއާ ޒޯނެއް އަދި ޕާކިންގ ޖާގަތައް ވެސް މާސްޓަރ ޕްލޭންގައި ހިމެނޭކަމަށް އެޗްޑީސީން ބުނެ އެވެ.
ތީމް ޕާކާ ގުޅިގެން ހަދާ ވޯކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރި އާއި ސުއިޓް، 95 ސަރވިސްޑް އެޕާޓްމަންޓް، 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗް ފްރަންޓް ތިން ވިލާ ހުންނާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެގޮތުން 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައާއި ވައިރަލް މާކެޓެއް، ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް ޢިމާރާތް، އަދި 61 ކާރާއި 230 ސައިކަލަށް ބޭސްމަންޓް ޕާކިނެއް ވެސް ހިމެނެއެވެ.