އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސްމީޑިއާގައި އެ ކުންފުންޏަށް އަމާޒުކޮށް ދައުރުކުރަމުންދާ ވީޑިއޯއިން ފެންނަނީ، ރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތައް ކަމަށެވެ. މީސްމީޑިއާގައި އެ ވީޑިއޯތައް ދައުރުކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެއީ އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ނުދިނުމުން ކުރިއަށްގެންދިޔަ މުޒާހަރާއެއް ކަމަށެވެ.
އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް މިފަދަ އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން، ސައްޙަކަން ކަށަވަރުނުވާ މިފަދަ މަޢުލޫމާތުތައް ނުފެތުރުމަށާއި، ކުންފުނީގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލްއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.