ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލްގެ އުމުރުން 20 އަހަރުގެ އަންހެނެއް ކަމަށްވާ ސްނޭހާ ރިމާލް އެވެ.
މި މައްސަލާގައި ހައްޔަރުކުރި ޔުގީތު އިބްރާހީމް އަކީ 2018 ވަނަ އަހަރު ލަންކާއަށް ޑްރަގު އެތެރެކުރިކުށް ސާބިތުވެ މަރަން ހުކުމް އިއްވި މީހެކެވެ. އޭނާ ހައްޔަރުކުރީ 1.296 ކިލޯގްރާމްގެ ހެރޮއިން ލަންކާއަށް އެތެރެކުރި މައްސަލައެއްގައެވެ.
ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު އިއްވި ހުކުމް އިސްތިއުނާފު ކޯޓުން ފަހުން ވަނީ ބާތިލުކޮށްފަ އެވެ. ޤާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް އެ ހުކުމް ބާތިލުކޮށް ޔުގީތު ވަނީ މިނިވަންކޮށްފަ އެވެ.
ނޭޕާލުން ހައްޔަރުކުރެވުނު ފަރާތްތަކާއި އަތުލައިގަނެވުނު ފައިސާތައް
ކަތަންމަންޑޫ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި މި އޮޕަރޭޝަނުގައި، އެ ދެ މީހުން ތިބި ކޮޓަރިން ތިން ގައުމެއްގެ ފައިސާ ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
5.05 މިލިއަން ނޭޕާލީ ރުޕީސް (ގާތްގަނޑަކަށް 526,750 ދިވެހި ރުފިޔާ)
4,215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169,189 ދިވެހި ރުފިޔާ)
55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231 ދިވެހި ރުފިޔާ)
ފުލުހުން އަތުލައިގަތް ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 696,170 ރުފިޔާއަށް އަރަ އެވެ.