މިއަދު މެންދުރު 02:30 އިން ރޭގަނޑު 08:00 އާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ ވޯޓުލުމުގެ މުއްދަތު 09:00 ޖަހަންދެން އިތުރުކުރީ ބައެއް ފޮށިތަކުގައި ވޯޓުލުން ގަޑިއަށް ނުފެށޭތީ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތްކަން ފާހަގަކުރެވެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި 53,000 އަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.
މި އިންތިހާބުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ 359 މަގާމަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި ޕާޓީގެ އެހެނިހެން މަގާމުތަކަށް 743 މެންބަރުން އިންތިހާބު ކުރާނެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 20 އޮކްޓޫބަރު 2026ގެ މެންދުރު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މެމްބަރުންނަށް އެކަންޏެވެ. އެގޮތުން 53457 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ބުނެ އެވެ.
އަންނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތްއިރު މި އިންތިހާބަކީ ރިޔާސީ ޓިކެޓަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ވެސް މުހިންމު އިންތިހާބެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައީ ވެސް ވަރަށް ފޯރިގަދަކޮށެވެ. މައިގަނޑު ގޮތެއްގައި ކެމްޕެއިނުގެ ހަރަކާތްތައް ވެސް އޮތީ ދެ ޓީމަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތާއިދާ އެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ކެންޑިޑެންސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ. މިއަދުގެ ވޯޓުގެ ނަތީޖާއިން ސާފުވާނީ އެމްޑީޕީގެ އެތެރޭގެ ބާރުތައް ފުރޮޅިގެންދާނޭ ގޮތެވެ.