ads
ޕީޖީ އޮފީސް - ފޮޓޯ: ސަން
"ލިޔުމުގެ ކުށަކުން" ކުށް ސާބިތުނުވާކަމަށް ނިންމި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި
ގއ. ނިލަންދޫގައި ތޫނު ހަތިޔާރު ގެންގުޅެ މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދަޢުވާ ފޯމުގައި ލިޔުމުގެ ކުށެއް އޮތް ކަމަށް ބުނެ ކުށް ސާބިތުނުވާ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައަކީ 29 މޭ 2025 ވީ ދުވަހުގެ ރޭ ގއ. ނިލަންދޫ މަގުމަތީގައި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގައި ރަށު ތެރޭގެ އަމަންއަމާންކަން ނަގާލި ކަމަށް ތުހުމަތުކުރެވުނު މައްސަލައެއް ކަމަށާއި، މި މައްސަލައާ ގުޅިގެން 23 ޖުލައި 2025 ގައި ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އަދި ގއ. ނިލަންދޫ، ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށް ދައުވާ އުފުލާފައިވާނެ ކަމަށެވެ.

މީގެ ތެރެއިން މުއުމިން ޙަސަންގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤްބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ޤާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި ބިރު އުފެދޭ ގޮތަށް އުޅުމުގެ ދަޢުވާއެވެ. އަދި ޢަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ބިރު އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އެވެ.

ޕޖީ އޮފީހުގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ދައުވާތަކުގައި ބަޔާންކޮށްފައިވާ އަމަލުތައް އެ ދެ މީހުން ކުރިކަމަށް ދައުލަތުން ހުށަހެޅި ހަތަރު ޝަފަހީ ހެކިން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާ ކަމަށާއި، ހުށަހެޅި ފޮޓޯ ރިޕޯޓުންވެސް އެކަން ސާފުވާން އޮތް ކަމަށެވެ. ނަމަވެސް، 26 ނޮވެންބަރު 2026 ގައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދަޢުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ކޯޓުން އެ ނިންމުން ބިނާކުރި މައިގަނޑު އަސާސަކީ ދައުވާ ފޯމުގައި ކުށުގެ އަމަލު ހިނގި ސަރަޙައްދު ބަޔާންކުރުމުގައި ލިޔުމުގެ ކުށެއް އޮތުމެވެ. އެކަމާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި އެއީ އިދާރީ ކުށެއް ކަމާއި ރަނގަޅު ގޮތަކީ ކޮބައިކަން ސާފުކޮށްދީފައިވާނެ ކަމަށާއި، އަދި ދައުވާ ސާބިތުކުރުމަށް ބޭނުންވަނީ އާންމު ތަނެއްގައި އެފަދަ ޢަމަލެއް ހިންގިކަން ކަމަށާއި، ވަކި ހާއްސަ ތަނެއް ކައިރީގައި ހިނގުމަކީ ކުށުގެ އުންސުރެއް ނޫން ކަމަށްވެސް ޕީޖީ އޮފފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 85 ވަނަ މާއްދާގައިވާ ގޮތުން، ދައުވާ ފޯމުގައި މިފަދަ ކުށެއް އޮތް ނަމަވެސް، ދަޢުވާ ލިބޭ ފަރާތަށް އެ ދައުވާ އޮޅިދާނެ ފަދަ ހާލަތެއްގައި މެނުވީ އެއީ ދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވާތީ، މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް