އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ދިގުރަށު ސްކޫލް ހޯލުގައި އެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށެވެ. މީހަކު އެ ވޯޓުފޮށި ނަގައިގެން ފިލަން ދުވި އިރު، ފަހުން އެ ފޮށި ފެނުނީ އެ ރަށު ބަނދަރު ސަރަހައްދުން ގޮނޑުދޮށާ ކައިރިއަށް އެއްލާލައިފައި އޮއްވަ އެވެ. މީހަކު ވޯޓުފޮށި ނަގައިގެން ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ދިގުރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި އަމަލު ހިންގީ އެ ރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
މިއަދު މެންދުރުފަހު 2:30 ގައި ފެށި މި އިންތިހާބުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، އަތޮޅު އަދި ސިޓީތަކުގެ ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީންގެ އިތުރުން ޔޫތު ވިންގާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށް މީހުން ހޮވުން ކުރިއަށްދިޔަ އެވެ. ޖުމްލަ 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ މާލެ ސިޓީގެ 111 މަގާމަކަށް ވާދަކުރި 209 ކެންޑިޑޭޓުންނެވެ.
މާލެ އާއި ރަށްރަށުގައި ކުރިއަށްދިޔަ މި ފޯރިގަދަ އިންތިހާބުގެ ވޯޓުލުން މިރޭ 9:00 ގައި ނިންމާލައި، މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.