މިކަމަށް އެއްމެފަހުން އިތުރުވި ބޮޅަކީ، އިންސާނުންގެ ބަދަލުގައި ރޮބޮޓް ބޭނުންކުރުމުން ނިކުންނާނެ ނަތީޖާތައް ބެލުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތެވެ.
ޗައިނާގެ ޕޯސްޓުގެ ހިދުމަތްދޭ ކުންފުނި 'ޗައިނާ ޕޯސްޓް' ކުންފުނިން މިވަނީ އެކުންފުނީގެ ހަންގްޒޫ ޕޯސްޓަލް ޑިސްޓްރިކްޓް ސެންޓަރުގައި ޕާރްސަލްތައް ބެލެހެއްޓުމުގެ އަމަލީ މަސައްކަތަށް 45 ހިއުމަނޮއިޑް ރޮބޮޓް ނެރެ ބޭނުންކުރަން ފަށައިފައެވެ. މިއީ ލޮޖިސްޓިކްސްގެ ދާއިރާގައި "އެމްބޮޑީޑް އޭއައި" (Embodied AI) ރޮބޮޓްތަކުގެ ގާބިލިއްޔަތު ވަޒަންކުރުމަށްޓަކައި މިއަހަރުގެ އޭޕްރީލް މަހު ފެށި ފުޅާ ދާއިރާއެއްގެ ޓެސްޓިންގ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
"ރޮބޮޓީރާ" (ROBOTERA) ކުންފުނިން އުފައްދާފައިވާ މި ރޮބޮޓްތަކަކީ ޕާރްސަލްތައް ވަކިކުރުމާއި ތަފާތު ބައްޓަމުގެ ޕެކޭޖުތަކުގައި، އަތްލައި ބެލެހެއްޓުން ފަދަ، އާންމުކޮށް އިންސާނުން ކުރާ ބުރަ މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް ފަރުމާކޮށްފައިވާ އެއްޗެހިތަކެކެވެ. ހަންގްޒޫ ޕޯސްޓަލް ސެންޓަރުގައި ކުރިއަށްދާ މި ޓެސްޓަކީ ޕޯސްޓަލް ލޮޖިސްޓިކްސްގެ ދާއިރާގައި ޗައިނާގައި މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު އެއް ތަޖުރިބާ ކަމަށްވާއިރު، މިއީ ސިނާއީ ބުރަ މާހައުލުތަކަށް ހިއުމަނޮއިޑް ރޮބޮޓްތައް ނެރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ތަކުރާރުކޮށް ކުރަންޖެހޭ އެކި ބާވަތުގެ މަސައްކަތްތައް މި ރޮބޮޓްތަކަށް ފުރިހަމަކުރެވޭ މިންވަރު ބެލުމެވެ. އެގޮތުން ހަމައެކަނި އެއް މަސައްކަތަކަށް ހާއްސަވުމުގެ ބަދަލުގައި، ޕާރްސަލްތައް ނެގުމާއި، މިސްރާބު ރަނގަޅުކުރުމުގެ އިތުރުން ތަފާތު ބައްޓަމުގެ ތަކެތި ދެނެގަނެ ކަނޑައެޅިފައިވާ ޕްލެޓްފޯމްތަކަށް އެރުވުމުގެ ގާބިލިއްޔަތު މި މެޝިންތަކަށް ވަނީ ދީފައެވެ.
ޕޯސްޓް ސެންޓަރުތަކަށް ލިބޭ ޕާރްސަލްތަކަކީ އެކި ސައިޒާއި އާދަޔާ ހިލާފު ބައްޓަންތަކަށް ހުންނަ ތަކެތި ކަމަށްވުމުން، މިއީ އާންމު ކޮންވެޔަރ ބެލްޓްތަކުން ކުރާ އޮޓޮމޭޓެޑް މަސައްކަތްތަކަށްވުރެ ގޮންޖެހުން ބޮޑު ކަމެކެވެ. އެހެންކަމުން މި ތަޖުރިބާގައި ކޮންމެ ޕާރްސަލެއް ވަކިން ދެނެގަނެ، އެއާ މެދު އަމަލުކުރާނެ ގޮތް ރޮބޮޓްތައް އަމިއްލައަށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. މީގެ ސަބަބުން މަސައްކަތުގެ ތެރޭގައި ދިމާވެދާނެ މައްސަލަތައް ވަރަށް ބޮޑަށް މަދުކުރެވެއެވެ.
"ރޮބޮޓީރާ" އިން ބުނި ގޮތުގައި، މަސައްކަތުގެ ފެންވަރު ތަކުރާރުކޮށް ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރޮބޮޓްތަކުގެ ހަލުވިމިން ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މި ޕްރޮގްރާމް ފެށިއިރު ގަޑިއަކު 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ޕާރްސަލް ބެލެހެއްޓުނު ނަމަވެސް، މިހާރު ވަނީ ގަޑިއަކު 1,200 ޕާރްސަލް ބެލެހެއްޓުމުގެ ގާބިލިއްޔަތު ހޯދާފައެވެ. އަދި ހަރަކާތްތައް އޮމާންވެ، ތަކެތި ދެނެގަތުމުގެ ސައްހަކަން 90 އިންސައްތައަށްވުރެ މައްޗަށް އުފުލިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
ޗައިނާ ޕޯސްޓުގެ ހަންގްޒޫ ގޮފިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައި އިތުރު އޮޓޮމޭޓެޑް ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށެވެ. އަދި މިއީ އާންމު ލެބޯޓްރީ މާހައުލަކުން ބޭރުގައި، ހަގީގީ ދުނިޔޭގެ ބުރަ މަސައްކަތުގެ މައިދާނެއްގައި ހިއުމަނޮއިޑް ރޮބޮޓްތަކުގެ ފައިދާ ސާބިތުކުރުމަށް "ރޮބޮޓީރާ" އަށް ލިބުނު މުހިންމު ފުރުސަތެކެވެ.