އެ މައްސަލަ ހައި ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާއަށް ގޮސްފައިވާއިރު، އެންމެ ފުރަތަމަ ހުކުމް ކުރުމަށް ތާވަލުކުރީ މި މަހުގެ 19 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 5:15 އަށެވެ. އެ އަޑުއެހުން ކެންސަލްވުމުން، ދެވަނަ ފަހަރަށް 22 ނޮވެމްބަރު ވީ އާދީއްތަ ދުވަހުގެ ހެނދުނު 10:15 އަށް ތާވަލުކުރި އެވެ. އަދި އެ އަޑުއެހުން ވެސް ކެންސަލްވުމަށްފަހު، ތިންވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަސް ކަމަށްވާ 26 ނޮވެމްބަރުގެ ހަވީރު 4:15 އަށް ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކުރިއަށް ނުގެންގޮސް ކެންސަލްކޮށްފަ އެވެ.
އަހުމަދު މޫސާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ، 2014 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެޅުމަށް ބުނެ 280 މީހެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 42 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ 42 ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލީ 30 މެއި 2021 ގައެވެ. ނަމަވެސް އެ މައްސަލަތަކުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަހަރުގެ 9 އޭޕްރީލްގަ އެވެ.
ދަށު ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން، އިސްތިއުނާފީ މައްސަލަ ނިމެންދެން އަހުމަދު މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައި ކޯޓުން އަމުރު ނެރުނީ 14 އޭޕްރީލްގަ އެވެ. މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އާއި، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހަސަން އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގި މި ހައުސިން މަޝްރޫއުގެ ތެރެއިން ގެއްލުންވި 368 މީހަކަށް މިހާތަނަށް އެޗްޑީސީން ވަނީ ބަދަލު ދީފަ އެވެ. އެގޮތުން ފްލެޓް ގަތް މީހުންގެ ތެރެއިން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި 203 މީހުންގެ ތެރެއިން 192 މީހަކަށް ކޯޓުން ބޭރުން ވީ އެއްބަސްވުމުގެ ދަށުން އެޗްޑީސީން ވަނީ ބަދަލު ދީފަ އެވެ. އަދި ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް ނިންމައި، އެޗްޑީސީއާ މައުލޫމާތު ހިއްސާކުރި 176 މީހަކަށް ވެސް ވަނީ ބަދަލު ފޯރުކޮށްދީފަ އެވެ.