ads
އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި - ފޮޓޯ: ރޮއެޓާސް
ގާޒާގެ އަންހެނުންނަށް ހަމަލާދެނީ ނަސްލު ނައްތާލަން: އެމްނެސްޓީ އިންޓަނޭޝަނަލް
އިސްރާއީލުން ގާޒާގެ އަންހެނުންނާއި އަންހެން ކުދިންނަށް ތަކުރާރުކޮށް ހަމަލާދީ އަމާޒުކުރަމުންދަނީ އެ ސަރަހައްދުގައި ފަލަސްތީނު މީހުން ދަރިމައިވުން ހުއްޓުވުމުގެ މަގްސަދުގައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު އާ ރިޕޯޓެއްގައި ބަޔާންކޮށްފިއެވެ.
Advertisement

އެ ޖަމާއަތުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލު ސިފައިން ދަނީ ދުވާލަކު ގާތްގަނޑަކަށް 30 އަންހެނުންނާއި އަންހެން ކުދިން ޝަހީދުކުރަމުންނެވެ. އަދި ގާޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާ ނުލިބި މަރުވާ އަންހެނުންގެ އަދަދު ނޭނގޭ މިންވަރަށް އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީހުން މެރުމާއި، މަޖުބޫރުން ގެދޮރުން ނެރެލުމާއި، ބަނޑަށް ޖެއްސުމުގެ އިތުރުން ސިއްހީ ހިދުމަތްތަކަށް ހުރަސްއެޅުމަކީ އާބާދީ އިތުރުވުން ހުއްޓުވުމަށް ގަސްތުގައި ރާވައިގެން ހިންގާ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނިއަސް ކަލަމާޑް ވިދާޅުވީ، ފާއިތުވި ތިން އަހަރު ދުވަހު އިސްރާއީލުން ދައްކުވައިދީފައިވަނީ ގާޒާގައި ތިބި ފަލަސްތީނު މީހުން ނައްތާލުމަށް ބޮޑެތި ރޭވުންތަކެއް ރާވައިގެން މަސައްކަތް ކުރަމުންދާ ކަމެވެ. އަދި ގާޒާގެ އަންހެނުންނާއި އަންހެން ކުދިންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާ ކަމަށާއި، ބަނޑުބޮޑުވުމާއި، ވިހެއުމާއި، ދަރިމައިވުމާ ގުޅޭ ނިންމުންތައް ނިންމުމަށް ބޭނުންވާ އަސާސީ ހާލަތްތައް ނިޒާމީ ގޮތެއްގައި އެމީހުންގެ ކިބައިން އަތުލާފައިވާ ކަމަށްވެސް ކަލަމާޑް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރާއީލު ސިފައިން ކުޑަކުދިން ބަލަހައްޓާ ހަސްފަތާލުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން، ދުވަސް ނުފުރާ ވިހަންޖެހުމާއި، ދާއިމީ އަނިޔާތައް ލިބުމުގެ އިތުރުން ބަނޑުގައި އޮތް ދަރިފުޅު މަރުވުމުގެ ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ހަމަލާތަކުގެ ސަބަބުން ގާޒާގައި ހުރި ދަރިމައިވުމަށް އެހީތެރިވެދޭ ހުރިހާ ސިއްހީ މަރުކަޒުތަކެއް ވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި ތަކުރާރުކޮށް މަޖުބޫރުން ގެދޮރުން ނެރެ ފޮނުވާލުމުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ޖިންސީ އަނިޔާއާއި ގޯނާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އދގެ ޖެނޮސައިޑް ކޮންވެންޝަންގައިވާ ގޮތުން، ވަކި ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ދަރިމައިވުމަށް ހުރަސްއެޅުމަކީ ނަސްލު ނައްތާލުމުގެ އަމަލެކެވެ. 2024 ވަނަ އަހަރު އިސްރާއީލުން ގާޒާގައި ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގާކަން އިއުލާނުކޮށްފައިވާ އެމްނެސްޓީން ވަނީ، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގުގެ ތެރެއިން، އަންހެނުންނަށް އަމާޒުކޮށް ހިންގާ މިފަދަ ޖަރީމާތައް ބެލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް