އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން މާލެ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަށް އެކަނި ވެސް 45 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުޅި މާލެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ 1931 ވޯޓު ލިބިވަޑައިގެންނެވި އީވާ އަބްދުﷲ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އޭނާއަށް ލިބިވަޑައިގަތީ 1830 ވޯޓެވެ. މި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދާ އެކު ނުކުތް "ބޮޑު ބަދަލު" ޓީމުގައި ހިމެނޭ ދެ ބޭފުޅުންނެވެ.
މި އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އޭނާ އެ އަދަދަށް ވޯޓު ހޯއްދެވިއިރު، އޭނާއަކީ ޕާޓީ ތެރޭގައި އޮތް އެއްވެސް ފެކްޝަނަކަށް ނިސްބަތްވެވަޑައިނުގެން ވާދަކުރެއްވި ބޭފުޅެކެވެ.
މުޅި މާލެ ސިޓީގެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީ އެވެ.