މިހާދިސާގެ މައުލޫމާތު ފޯރުކޮށްދެމުން 'ރޮއިޓާސް' އިން ބުނެފައިވަނީ، މި ހާދިސާގެ ސަބަބުން އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކާއި، މުވައްޒަފުންގެ މައުލޫމާތާއި، އަދި ލޮޖިސްޓިކްސްއާ ގުޅޭ ނާޒުކު ގިނަ މައުލޫމާތުތަކަކަށް ނުރައްކާވެފައިވާ ކަމަށް ކަމާއި ގުޅުންހުރި މީހުން މައުލޫމާތު ދީފައިވާކަމަށެވެ.
މިހާތަނަށް އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާގެ ވައިގެ ސިފައިންގެ މިސިސްޓަމަށް ވަދެގަނެފައިވާކަން އެނގުނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މިކަމުގެ ސަބަބުން މުޅި ޕްލެޓްފޯމްގެ މަސައްކަތްތަކަށް ބުރޫއަރާފައިވީ ނަމަވެސް، މި ހަމަލާ ދިނީ ކޮން ބައެއްކަން ނުވަތަ އެއްވެސް މަޢުލޫމާތެއް ވަގަށް ނަގާފައިވޭތޯ އަދި ސާފެއް ނުވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ހެކަރުން ސިސްޓަމަށް ވަދެގަތީ ސޮފްޓްވެއަރއެއްގައި ހުރި ބަލިކަށިކަމެއްގެ ބޭނުން ހިފައިގެން "ކޮންޓްރޯލް ޕްލޭން" މެދުވެރިކޮށެވެ. މީގެ ސަބަބުން އަސްކަރީ މަތިންދާބޯޓުތަކުގެ ހާލަތާއި ހަތިޔާރުތަކުގެ މޫވްމަންޓްތައް ބަލާލުމުގެ ފުރުސަތު ހެކަރުންނަށް ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެފަދަ ކަމެއް ހިނގާފައިވާކަން އަދި ކަށަވަރެއް ނުވެއެވެ.
2017 ވަނަ އަހަރު އުފެއްދި "ކްލައުޑް ވަން" އަކީ މައިކްރޯސޮފްޓް، އެމެޒޯން، އޮރަކަލް އަދި އަލްފަބެޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން، ވައިގެ ސިފައިންގެ އައިޓީ ބޭނުންތައް ފުއްދުމަށް ގާއިމުކޮށްފައިވާ މަރުކަޒީ ނިޒާމެކެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ރާޑަރުތަކުގެ މަޢުލޫމާތު އެއްކުރާ ސިސްޓަމްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ހުރި ހަތިޔާރުތައް ބަލަހައްޓާ ނިޒާމުތައްވެސް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ވައިގެ ސިފައިން ބުނެފައިވަނީ، ވަކިވަކި ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަމާއި ނުވަތަ އޮޕަރޭޝަނަލް ހާލަތާ ގުޅޭގޮތުން އެ ފަރާތުން މަޢުލޫމާތު ހާމަނުކުރާނޭ ކަމަށެވެ. ނަމަވެސް، އަސްކަރިއްޔާގެ މަޢުލޫމާތާއި ސިސްޓަމްތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާ ކަމަށް އެ ފަރާތުން ބުންޏެވެ.
މި ފަހަކަށް އައިސް އެމެރިކާ ސަރުކާރުގެ އެކި އިދާރާތަކަށް، އޭގެ ތެރޭގައި އެފްބީއައި، ޕެންޓަގަން އަދި ޓްރެޒަރީ ޑިޕާޓްމަންޓަށްވެސް މިފަދަ ސައިބަރ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. "ކްލައުޑް ވަން" އަކީ އަބަދުވެސް ހެކަރުންގެ އަމާޒަކަށް ވެފައިވާ ސިސްޓަމަކަށް ވާއިރު، މީގެ ކުރިން އެ ސިސްޓަމްގެ އިސްވެރިން ވަނީ އެ ސިސްޓަމަށް އަންނަ ހަމަލާތައް ހުއްޓުވުމުގައި 100 އިންސައްތަ ކާމިޔާބީ ހޯދަމުންދާ ކަމަށް ހާމަކޮށްފައެވެ.