ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، އައިޖީއެމްއެޗް ބިނާކުރި ފަހުން 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މުއްދަތުގައި އެ ހޮސްޕިޓަލުގެ މަރާމާތު މަސައްކަތްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދެ ފަހަރެއްގެ މަތިން އެ ހޮސްޕިޓަލުގައި ހާދިސާތަކެއް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގެ އޮންކޮލޮޖީ އަދި ޕަލްމޮނަލޮޖީ ޑިޕާޓްމަންޓް ހިންގި ވިންގަކީ މިހާރު ހިދުމަތް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ އެ ތަން މިހާރު ވަނީ އެއްކޮށް ހުސްކޮށްފައެވެ. އެއާއެކު އެ ދެ ދާއިރާގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރު ވިސްނުން ހުރީ ސަރުކާރުން ބަޖެޓު ހަމަޖެހުމުން އެ ވިންގު ތަޅާލައި އައު އިމާރާތެއް އެޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ސިއްހީ ޚިދުމަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ހަލީމް ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލްތަކަށް ގާތްގަނޑަކަށް 800 އެނދު ބޭނުންވި ނަމަވެސް، މިހާރު ލިބެން ހުރީ އެންމެ 500 އެއްހާ އެނދު ކަމަށެވެ. މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރާއި، އަތޮޅުތަކުން ފަރުވާއަށް އަންނަ މީހުންގެ އަދަދު އިތުރުވި ނަމަވެސް، ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް އެ ނިސްބަތުން ތަރައްގީ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ހިދުމަތް ދޭން އަދިވެސް ހުރީ އެންމެ ހޮސްޕިޓަލެއްކަން ފާހަގަކުރެއްވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ، މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ އެޑްމިޓްކުރާނެ އާންމު އެނދު ނުލިބުމުގެ މައްސަލަ ކަމަށެވެ. އެގޮތުން އެނދު ނުލިބިގެން ބަލި މީހުން އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން އިމަޖެންސީ ރޫމް (އީއާރު) ގައި ބައިތިއްބަން ޖެހޭ ހާލަތްތައް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.