އާދަމް އިބްރާހިމް މަނިކު އަވަހަރާވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެެއްފަހުން ރޭގެ ވަގުތެއްގަ އެވެ. ޖަނާޒާގެ ކަންކަން އޮތީ މިއަދު މެންދުރު ނަމާދަށްފަހު މާފަންނު އާސަހަރާ މިސްކިތުގައެވެ.
ބިލާލް އާދަމް މަނިކަކީ 1988 ނޮވެމްބަރު 3 ގެ ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި އެ ދުވަހު ސިފައިންގެ މައިމަރުކަޒު ދިފާއުކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެެއް ބޭފުޅެކެވެ. އެގޮތުން ފުލުސް އޮފީހުގެ ގޭޓު ކައިރީގައި ތިއްބަވައިގެން ދުޝްމަނުންނަށް ރައްދު ހަމަލާ ދެއްވުމުގައި މުހިންމު ދައުރެއް އޭނާ ވަނީ އަދާކުރައްވާފަ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، އާދަމް މަނިކަށް ވަނީ 8 މެޑަލް އަދި 7 ކުލަ ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި 3 ނޮވެމްބަރުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، މަތިވެރި ހިދުމަތުގެ މެޑަލް، އިހްލާސްތެރި ހިދުމަތުގެ މެޑަލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް، ސިފައިންގެ ހިދުމަތުގެ މެޑަލް، އަހްލާޤީ މެޑަލް އަދި ސައްތައިގެ މެޑަލް ހިމެނެއެވެ.
ދިވެހި ސިފައިންގެ ހިދުމަތަށް އެންމެ ފުރަތަމަ ވެންނެވި އަންހެން ސިފައިންނަށް ތަމްރީނު ދެއްވުމުގައާއި ޕެރޭޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގިނަ ހިދުމަތްތަކެއް އާދަމް އިބްރާހިމް މަނިކުވަނީ ކުރައްވާފަ އެވެ.
އާދަމް އިބްރާހިމް މަނިކު އަވަހާރަވުމުން އެ މަރްހޫމްގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ އާދަމް އިބްރާހިމް މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއްކަމަށެވެ. މީގެއިތުރުން ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިހްލާސްތެރިއެއްކަމަށެވެ.