މާލެ އާއި ރަށްރަށުގައި އިއްޔެ ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ގައުމީ މަޖިލީހުގެ މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް، އިންތިހާބުގެ މެޖޯރިޓީ ހޯދީ "ބޮޑު ބަދަލު" ޓީމުންނެވެ. އެގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، އިބޫ ތާއީދު ކުރެއްވި "ޓީމު އެމްޑީޕީ" އަށް ލިބުނީ ހަތަރު ގޮނޑި އެވެ. މާލޭގެ އިތުރުން އެހެން ސިޓީތަކާއި އަތޮޅު އަދި ރަށްރަށުގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.
އިބޫ ތާއީދު ކުރެއްވި "ޓީމު އެމްޑީޕީ" އަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭނާގެ ރަނިންމޭޓް، މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.
ގައުމީ މަޖިލީހުގެ ގޮނޑިތަކުގެ އިތުރުން، އިންތިހާބާ އެކު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޒުވާނުންގެ ވިންގާއި އަންހެނުންގެ ރޫހުގެ މެޖޯރިޓީ ވެސް ހޯދާފައިވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. އެގޮތުން ޒުވާނުންގެ ވިންގުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، ޔޫތު ވިންގުގެ ރައީސް ކަމަށް އިންތިހާބުވީ "ބޮޑު ބަދަލު" ޓީމުގެ އައިކް އަހުމަދު އީސާ އެވެ. އޭނާ އެ މަގާމު ކާމިޔާބުކުރެއްވީ "ޓީމް އެމްޑީޕީ" ގެ އަރްޝަމް އަބްދުﷲ އާ ވާދަކުރައްވަ އެވެ.
ހަމައެއާއެކު، އަންހެނުންގެ ރޫހުގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި "ބޮޑު ބަދަލު" ޓީމުން ކާމިޔާބުކުރިއިރު، އެ ރޫހުގެ ރައީސް ކަމަށް އިންތިހާބުވީ އެ ޓީމުގެ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާ ވާދަކުރެއްވީ "ޓީމް އެމްޑީޕީ" ގެ މަރިޔަމް އީމާ ޝަފީގާ އެވެ. އަންހެނުންގެ ރޫހުގެ އަނެއް ދެ ގޮނޑި ލިބުނީ "ޓީމު އެމްޑީޕީ" ގެ ކެންޑިޑޭޓުންނަށެވެ.
މި އިންތިހާބުގައި "ބޮޑު ބަދަލު" ޓީމުން މާލޭގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާ އަރިސް ބޭފުޅުން ގިނަކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި، 2023 ގެ ރިޔާސީ ޓިކެޓާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އުފެއްދި ދަ ޑިމޮކްރެޓްސް އަށް ބަދަލުވުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނެ އެވެ. އޭރު ނަޝީދުގެ ފެކްޝަނުން ތުހުމަތުކޮށްފައިވާ ގޮތުގައި، ޕްރައިމަރީ އިބޫ ކާމިޔާބު ކުރެއްވީ ނަޝީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުން ޕާޓީން ވަކިކުރުމަށް ފަހު އެވެ.