ads
ގދ. މަޑަވެލި--
ތިނަދޫ ސިޓީއަކަށް ހެދުމަށް މަޑަވެލީގެ 145 މީހަކު ރެޖިސްޓްރީ ކުރި މައްސަލައެއް
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 މީހަކު އެ މީހުންނަށް ނޭނގި ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ބުނެ މަޑަވެލީ ކައުންސިލުން ބޮޑު ތުހުމަތެއް ކޮށްފި އެވެ.
Advertisement

މަޑަވެލީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އެ ރަށެއްގެ އާބާދީގައި 10،000 މީހުން ހަމަވުމުން ކަމަށް ވާއިރު، ތިނަދޫން ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީއަށް 10،000 ހަމަކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިނަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ 145 މީހުންގެ ތެރޭގައި އެ ރަށުގައި މިހާރު ދިރިއުޅޭ މީހުންނާއި، އެހެން ރަށްރަށުގައި ދިރިއުޅޭ މަޑަވެލީގެ ރައްޔިތުން ހިމެނެ އެވެ. އަދި އޭގެ އިތުރުން، މި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ނަންތައް ވެސް އެ ލިސްޓުގައި ހިމަނާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"މިއީ މަޑަވެލީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް" މަޑަވެލި ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މަޑަވެލީ ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އޮޅުވާލައިގެން ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ ރައްޔިތުންގެ ނަންތައް ވަގުތުން އެ ރަޖިސްޓްރީން އުނިކޮށް، އަލުން މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނައިދިނުމަށް ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަޑަވެލި ކައުންސިލުން މި ތުހުމަތުކޮށްފައި ވާއިރު، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް 2023 ވަނަ އަހަރު އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން، ތިނަދޫގައި 10،000 މީހުންގެ އާބާދީއެއް އޮތްކަން ދެއްކުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީގައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވެ އެވެ.

އެހެންވެ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާގެ އިތުރުން، އެ ލިސްޓު ފޮނުވިކަން ރެކޯޑް ކުރެވިފައި ނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ކުރި ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް