އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލޭގެ 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ބުނެ ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝަމްހީދުގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް އާންމު މެންބަރުންނާއި އިސް ފަރާތްތަކުން ވެސް ވަނީ މި އިންތިހާބުގެ ބައެއް ނަތީޖާތަކާ މެދު ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޑީޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި ވަނިކޮށް ބޭއްވި ގައުމީ މަޖިލީހުގެ މި އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާ އެކު ނުކުތް "ޓީމް އެމްޑީޕީ"ގެ މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަންނަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކުރައްވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ އާއި ރަށްރަށުގައި ބޭއްވި މި އިންތިހާބުގެ މެޖޯރިޓީ ހޯދާފައިވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. އެގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، ރައީސް ސޯލިހް ތާއީދު ކުރެއްވި ޓީމަށް ލިބުނީ އެންމެ ހަތަރު ގޮނޑި އެވެ. މާލޭގެ އިތުރުން އެހެން ސިޓީތަކާއި އަތޮޅުތަކުގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.
ރައީސް ސޯލިހް ތާއީދު ކުރެއްވި "ޓީމް އެމްޑީޕީ" އަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓް މާލޭ މޭޔަރު އާދަމް އާޒިމް ވެސް ތާއީދު ކުރެއްވި ކެންޑިޑޭޓުން ހިމެނޭ ޓީމެކެވެ.