ads
އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު: ވިދާޅުވެފައިވަނީ ގައުމީ އިންތިހާބުތަކެއް ކުރިއަށް ހުރުމުން ޕާޓީގެ އެތެރޭގެ އިންތިހާބުތައް ފަސްކޮށްފައިވާ ކަމަށް - ފޮޓޯ:އަވަސް
އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ވަނީ އިއުލާން ކުރެވިފަ: އިބްރޭ
ހުކުރު ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ޖުމްލަ ނަތީޖާ އިޢުލާންކުރުން ލަސްވާތީ ޕާޓީގެ އާންމު މެންބަރުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް، ނަތީޖާ ޝީޓްތައް ޗެކްކުރުމަށްފަހު މިރޭ ވެބްސައިޓުގައި އާންމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
Advertisement

އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ މުގައްރިރު އަދި ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބްރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބު ބޭއްވުނު މަރުކަޒުތަކުގައި ވަގުތީ ނަތީޖާތައް އިޢުލާންކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ނަތީޖާ ޝީޓްތައް ޗެކްކުރުމަށްފަހު، ޕާޓީގެ ވެބްސައިޓުގައި އާންމުކުރުމުގެ މަސައްކަތް ކަމަށާއި، މިރޭގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ވޯޓުލީތާ 40 ގަޑިއިރު ވެގެންދިޔައިރު ވެސް ވަގުތީ ޖުމްލަ ނަތީޖާ އިއުލާން ނުކުރެވި އޮތުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އިންތިޚާބަށް އެކުލަވާލި ތާވަލުގައިވާ ގޮތުން އެއީ ހުކުރު ދުވަހު ނިމެންޖެހޭ ކަމެކެވެ.

ނަތީޖާ އިޢުލާންކުރުން ލަސްވުމުގެ އިތުރުން، އިންތިޚާބުގެ ބައެއް ނަތީޖާތަކާ މެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން، މުޅި މާލެއިން އިންތިޚާބުކުރި 16 މެންބަރުންނަށް ވޯޓު ދިން ގޮތާއި ނަތީޖާ ޝީޓާ ދިމާނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލޭގެ 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ބުނެ ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝަމްހީދުގެ އިތުރުން ވެސް އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ ބައެއް ދާއިރާތަކުގެ ނަތީޖާތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް