ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ބަޔާނުގައި (ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް) އާދިއްތަ ދުވަހު ހިމަނާފައިވާ ފުޓްނޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އިލްޔާސް އިބްރާހީމަށް ވަނީ 150،000 ސިންގަޕޫރު ޑޮލަރު ދެއްވާފައެވެ.
އެއީ ދިވެހި ފައިސާއިން ބަލާނަމަ 1،795،389.27 (އެއް މިލިއަން ހަތް ލައްކަ ނުވަދިހަ ފަސް ހާސް ތިން ސަތޭކަ އައްޑިހަ ނުވަ ރުފިޔާ ހަތާވީސް ލާރި) އެވެ.
އެ ބަޔާނުގައި ވާގޮތުން، މި ފައިސާ ދޫކޮށްފައިވަނީ ދައުލަތުގެ ބަޖެޓުގެ މެޑިކަލް ވެލްފެއާގެ ގިންތީގެ ދަށުންނެވެ. އަދި މި މަޢުލޫމާތު މިގޮތަށް ހާމަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުކުރުމުގެ ޝަރުޠުތައް ފުރިހަމަކުރުމުގެ ގޮތުންނެވެ.
އިލްޔާސް އިބްރާހީމަކީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.