އދ. ގެ ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) އިން ހާމަކުރި ގޮތުގައި، ދުނިޔޭގެ 73 ގައުމަކާއި ސަރަހައްދަކުން އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ 108,000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ސާވޭގައި ބައިވެރިވި 70 ޕަސެންޓް ޒުވާނުން އެންމެ އެދޭ ގޮތަކީ ކައިވެނިކުރުން ކަމަށް ބުނެފައިވާއިރު، 91 ޕަސެންޓް ޒުވާނުން ދަރިން ހޯދަން ބޭނުންވެ އެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވެ ދަރިން ހޯދުމާ މެދު ވިސްނުމުގެ ފުރުސަތު ލިބެނީ 30 އަހަރު ފުރޭ ފަހުންނެވެ. އަދި ދަރިން ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ދަތިކަން ކަމަށް ސާވޭގައި ބައިވެރިވި 72 ޕަސެންޓް މީހުން ވަނީ ފާހަގަކޮށްފަ އެވެ.
"ސަކްސީޑިން ޖެނެރޭޝަންސް: އެމްޕަވަރިން ޔަންގް ޕީޕަލް ޓު ޗާޓް ދަ ފިއުޗާ" (ކުރިއަށް އޮތް ޖީލުތައް: މުސްތަގުބަލު ބައްޓަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުން) މި ނަމުގައި ރާއްޖޭގައި މިއަދު އިފްތިތާހުކުރި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަދުގެ ޒުވާނުންނަކީ ދުނިޔޭގެ ތާރީހުގައި އެންމެ ތައުލީމީ، އެންމެ ބޮޑަށް ގުޅިލާމެހިފައިވާ އަދި ހައްގުތަކަށް އެންމެ ބޮޑަށް ހޭލުންތެރި ޖީލެވެ.
އެކަން އެހެން އޮތް ނަމަވެސް ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހާސިލުކުރުމުގައި މި ޖީލުގެ މީހުންނަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ރަނގަޅު ވަޒީފާއެއް ހޯދުމާއި، މާލީ ފުދުންތެރިކަން ހޯދުމާއި އާއިލާއެއް ފެށުން ހިމެނެ އެވެ. އެކަންކަމަށް ކުރިމަތިވެފައިވާ ހުރަސްތަކަކީ އިގްތިސާދީ ދަތިތަކާއި، ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ޓެކްނޮލޮޖީއަށް އަންނަ ހަލުއި ބަދަލުތަކެވެ.
ރާއްޖޭގެ ހާލަތަށް އަލިއަޅުވާލައި ޔޫއެންއެފްޕީއޭއިން ބުނި ގޮތުގައި، ގައުމީ ފެންވަރުގައި ލިޔަންކިޔަން ދަތުމުގެ ނިސްބަތް 98 އިންސައްތައަށްވުރެ މަތީގައި ހުރިއިރު ގައުމު ތަރައްގީކުރުމާއި ބިނާކުރުމުގައި ޒުވާނުންނަކީ ބޮޑު ބާރެކެވެ. އެކަމަކު އޮނިގަނޑުގެ ތެރޭގައި ހުރި ބައެއް ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވުމަށް ވަނީ ހުރަސްއެޅިފަ އެވެ. އެގޮތުން ދިވެހި ޒުވާނުންގެ ތެރެއިން އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 19 އިންސައްތަ ޒުވާނުންނަކީ ތައުލީމު ހާސިލުކުރުމާއި ވަޒީފާ އަދާކުރުމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިނުވާ ޒުވާނުން ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޒުވާން އަންހެނުންނަށް ކަމަށް އެ ޖަމާއަތުން ބުންޏެވެ.
މީގެއިތުރުން ރާއްޖޭގައި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ގޮތުގައި މާލޭގައި ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި ރަނގަޅު ބޯހިޔާވަހިކަމެއް ހޯދުމުގައި ހުރި ދަތިތައް ޔޫއެންއެފްޕީއޭއިން ފާހަގަކުރި އެވެ. އަދި އަތޮޅުތަކުގެ މެދުގައި ހުރި ތަފާތުތަކާއި، ޑިޖިޓަލް އަދި އޭއައި އަށް ބިނާވަމުންދާ އިގްތިސާދަށް ބޭނުންވާ ހުނަރުގެ ފަރަގު ބޮޑުވުމުގެ އިތުރުން، އިތުބާރުކުރެވޭ ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމުގެ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތަކަކީ ވެސް ޒުވާނުންގެ ދިރިއުޅުމުގެ ނިންމުންތަކަށް ނޭދެވޭ އަސަރު ފޯރުވާ ކަންކަން ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.