ads
މަޓީން ދެކޭގޮތުގައި މިއަހަރު ފަތުރުވެރިކަމުން އާމްދަނީއެއް ނުލިބޭނެ: ކޮމިޓީ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ދެކޭގޮތުގައި މިއަހަރު ފަތުރުވެރިކަމުން އާމްދަނީއެއް ނުލިބޭނެ ކަމަށް ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ.  

އެގޮތުން ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮވިޑް-19 ރޯގާއާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ޓްރެވަލް ކޮންފިޑެންސް ލިބި އާންމު ހާލަތައް އައުމަކީ ނާދިރުކަމެއް ކަމަށް މަޓީން ބުނެފައިވާކަމަށެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ މިއަހަރުގެ ބާކީ އޮތްބައިގައި ފަތުރުވެރިކަމުން އާމްދަނީ އެއް ލިބޭނެކަމަށް މަޓީން ނުދެކޭކަމަށެވެ. 

"މި އަހަރު ނިމުމުގެ ކުރިން ކޮވިޑް19 ރޯގާއަށް ވެކްސިނެއް އުފެއްދިގެން އޭގެ ސަބަބުން ޓޫރިޒަމް އާންމު ހާލަތައް އަންނާނެކަމަށް ނުފެންނާތީއާއި އަދި ސޯސް މާކެޓްތަކުގައި މި ބަލީގެ ސަބަބުން އެ ޤައުމުތަކުގެ އިޤްތިސާދީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާޢަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭކަމަށާއި ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފިއުޗާ ރެވެނިއު ފޯކާސްޓް މި ދަނޑިވަޅުގައި ހެދިދާނެކަމަށް ނުބެލެވޭ ކަމަށް މަޓީން މައުލޫމާތު ދީފައިވޭ" އަސްލަމް ވިދާޅުވި އެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ޑީލްކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސާވޭއެއް އެކުލަވާލާފައިވާކަން ފާހަގަކޮށް އިސްލަމް ވިދާޅުވީ އެ ސާވޭ ހަދާފައިވަނީ ދިވެހިރާއްޖޭގައި ރެޖިސްޓްރީވެފައިވާ 616 ގެސްޓްހައުސްތަކުގެ ތެރެއިން 441 ގެސްޓްހައުސްގެ ހިޔާލު ހޯދައިގެން ކަމަށެވެ. 

އެތަންތަނުން މައުލޫމާތު ދިންގޮތުގައި 66 އިންސައްތަ ގެސްޓްހައުސް ހިންގަން ފަށާފައިވަނީ ލޯނު އެހީގައި ކަމަށާއި، އަދި 79 އިންސައްތަ ގެސްޓްހައުސްތަކަކީ ކުއްޔަށް ނަގައިގެން ހިންގާ ތަންތަން ކަމަށާއި، ކޮވިޑް19 އާއި ގުޅިގެން 68 އިންސައްތަ ގެސްޓްހައުސް ހިންގަނީ 20 އިންސައްތަ އަށްވުރެން ދަށް އޮކިއުޕެންސީއެއްގައި ކަމަށެވެ. 

ގެސްޓްހައުސް ވިޔަފާރިއަށް ބޮޑުތަނުން ގެއްލުން ވެގެންދާނެކަމަށް ލަފާކުރެވޭކަމަށާއި، އަދި 60 އިންސައްތަ ބުކިންސް ކުރިއަށް އޮތް ދެ ކުއާޓަރުގައިވެސް ކެންސަލްކުރާނެކަމަށް ލަފާކުރެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ 53 އިންސައްތަ ގެސްޓްހައުސް ވަގުތީގޮތުން ހުއްޓާލަންޖެހި ދާނެކަމަށާއި، 14 އިންސައްތަ ގެސްޓްހައުސް ދާއިމީގޮތެއްގައި ހުއްޓާލަންޖެހިދާނެކަމަށާއި، އަދި 33 އިންސައްތަ ގެސްޓްހައުސް ލޯ ކޮސްޓެއްގައި ހިންގިދާނެކަމަށް ލަފާކޮށްފައި ވާކަމަށެވެ. 

ގެސްޓްހައުސް އެސޯސިއޭޝަނާއި ހަވާލާދީ އަސްލަމް ވިދާޅުވީ، 1395 ކޮޓަރި ހިމެނޭ މާލެ - ހުޅުމާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކުން މަހެއްގެ މައްޗަށް 1،925،100 ޑޮލަރުގެ ގެ ގެއްލުން ވާނެކަމަށް ލަފާކުރެވޭކަމަށާއި، އަދި 3222 ރޫމް ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ގެސްޓުހައުސްތަކަށް މަހެއްގެ މައްޗަށް 2،899،800 ޑޮލަރުގެ ގެއްލުން ވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް