ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ތައުފީގް އަލީ ވިދާޅުވީ، އެމީހާގެ މަރުގެ މައްސަލަ ބަލަން އެރަށުގެ ފުލުހުންގެ އިތުރުން، ސަރަހައްދީ ފުލުހުން މިހާރު ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
މަރުވެފައިވާ މީހާގެ ވަނަވަރު އަދި ކަމާގުޅޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ތައުފީގް ވިދާޅުވީ، އެމީހާ މަރުވުމާއި އެކު ބިދޭސީން އުޅޭތަންތަން ބަލަމުން ގެންދަނިކޮށް ބޮލަށް ޒަހަމު ލިބިފައިވާ އިތުރު މީހަކު ވެސް ފެނިފައިވާކަމަށެވެ. އެމީހާ ފެނުނު އިރު އޭނާ އޮތީ ބޮލަށް ލިބުނު ޒަހަމަކާއި އެކު އޭނާ ގެ ތަންމަތީގައި ކަމަށާއި އޭނާގެ ހޭ ވެސް ނެތް ކަމަށެވެ.
އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގޮސް ފަރުވަދިނުމަށް ފަހު ފުލުހުން އޭނާގެ ބަޔާން ނަގާފައިވާކަމަށާއި އެހެން ނަމަވެސް އެ ބަޔާނުގައި އޮތް އެއްޗެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވާކަމަށެވެ. މިހާރު އެމީހާވީ އިތުރު ފަރުވާދިނުމަށް އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ތައުފީގް ވިދާޅުވި އެވެ.
މިމީހާ އަށް ޒަހަމް ލިބިފައިވަނީ ކިހިނެއްކަން ވެސް އަދި ޔަގީން ނުވާކަމަށް ތައުފީގް ވިދާޅުވި އެވެ.
ރޭ ގުރައިދޫގައި މަރާލެވުނު މީހާ އަކީ އެރަށުގައި ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ގުރައިދޫ ކައުންސިލުން ވަނީ މައުލޫމާތުދީފަ އެވެ. އެމީހާގެ ގައިގެ ތިން ތަނަކަށް ވަނީ ވަޅިން ހަަމަލާދީފަ އެވެ.