ads
އައިޖީއެމްއެޗް---- ފޮޓޯ:ސީއެންއެމް
ހޮސްޕިޓަލުތަކުގެ އިހުމާލު ބަލަންވީވެސް ހޮސްޕިޓަލުންތަ؟
ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އިހުމާލުގެ ވާހަކަތަކަކީ އަލަށް އިވޭ ވާހަކައެއް ނޫންނެވެ. އެކި އަހަރުތަކަގެ މަތިން ކުދި އަދި ބޮޑެތި އެތައް އިހުމާލުތަކެއްގެ ވާހަކަ އިވިފައި އެބަހުއްޓެވެ. މި އިހުމާލުތަކުގެ ސަބަބުން މީހުން ނުކުޅެދޭ ހާލަތަށް ގޮސް ފުރާނަ ގެއްލޭ ވާހަކަ ވެސް އަޑުއިވިފައި އެބަހުއްޓެވެ.

ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ވެސް އެފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވުމާއި ދެމަފިރިއެއްގެ ތުއްތު ދަރިފުޅު މަރުވުމާއި ދަރިއެއްގެ ގުނަވަނެއް ނަގަން ޖެހުން ފަދަ ހާދިސާ ތަކަކީ އަޅުގަނޑުމެން ކިތަންމެ އަޑުއަހަން ބޭނުން ނުވި ނަމަވެސް އަޑު އިވިފައި ހުރި ވާހަކަތަކެވެ. 

ރާއްޖޭގެ އެންމެ ބޮޑެތި ހޮސްޕިޓަލްތައް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން ފެށިގެން ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އިހުމާލުން ހިތާމަވެރި ހާދިސާތައް ހިނގާކަން އެންމެންނަށް ވެސް އެނގެ އެވެ. 

އެފަދަ ހާދިސާއެއް ހިނގައި އެކަމުގެ މައުލޫމާތު ސޯޝަލް މީޑީއާގައި އާންމުވާ ހިސާބުން ފެށިގެން ދެތިން ދުވަސް ވަންދެން އެވާހަކަ މުޅި ގައުމު ދައްކާނެ އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވެ އެކަންތައް ހަނދާނުން ފުހެވިގެންދެ އެވެ. އަނެއްކާވެސް ހަނދާން ވަނީ އެކަހަލަ އިތުރު ހާދިސާއެއް ހިނގީމަ އެވެ. 

ހަބަރުތަކުގައި އެ ހާދިސާތަކުގެ ވާހަކަ ލިޔެވިގެން ދިއުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ހޮސްޕިޓަލަށް އަމާޒުވެގެންދެ އެވެ. ހޮސްޕިޓަލްތަކުގެ ފަރުވާ ކުޑަަކަމާއި ޑޮކްޓަރުންގެ އިހުމާލުތަކުގެ ވާހަކައިން ކޮމެންޓް ސެކްޝަންތައް ފުރާލަ އެވެ. އެއާއި އެކު ކަން ހިނގާދިޔަ ގޮތް ބަޔާންކޮށް ހޮސްޕިޓަލުން ބަޔާނެއް ނެރެ އެވެ. އަދި އެހާދިސާ ހިނގާ ދިޔަ ގޮތް އިތުރަށް ތަހުގީގުކޮށް އިހުމާލުވެފައި ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ. 

އެކަމަކު އެ ބަޔާނަށް ފަހު އެ ހާދިސާގެ ތަހުގީގުގެ ވާހަކަ އަޑެއް ނީވެ އެވެ. ހޮސްޕިޓަލުން އެ މައްސަލަ ބާލާނަމޭ ބުނުމުން އެކަން ހައްލުވީ ކަމަށް ގިނަ ބަޔަކަށް ހީވާކަހަލަ އެވެ. 

ސުވާލަކީ ހޮސްޕިޓަލްތަކުގެ އިހުމާލުން ނުވަތަ އެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އިހުމާލުން ހިނގާ ކަންތައްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭނީ ހޮސްޕިޓަލުންތޯ އެވެ. އެގޮތަށް އެކަން ހިނގާނަމަ އެއީ އެންމެ އިންސާފުވެރި ގޮތް ކަމާއި މެދު ސުވާލު އުފެދެ އެވެ. ހަމަގައިމު ވެސް އަމިއްލަ ކުށް އަމިއްލައަށް ގަބޫލުކުރުމަކީ ގިނަ އިންސާނުންގެ ގައިގަައި ހުންނަ ސިފައެއް ވެސް ނޫނެވެ. 

ހޮސްޕިޓަލުތަކުގެ އިހުމާލުން ކޮންމެވެސް ގާތް މީހަކަށް އަނިޔާއެއް ލިބުމުން އެ ވާހަކަ ހިފައިގެން އައިސް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހާއާއި، އެކަމަށް ކޮމެންޓް ކުރާ މީހުންގެ ވާހަކަތަކުން ވެސް އެކަން ވަރަށް ސާފެވެ. ގިނަ ފަހަރަށް އެފަދަ ކަމެއް ހިނގުމުން ހޮސްޕިޓަލުގެ ތެރެއިން އޮށްބާލަން އެއް ބަޔަކު މަަސައްކަތް ކުރާއިރު އަނެއް ބަޔަކު އެމީހުންގެ ޑޮކްޓަރުން އެކަހަލަ ކަމެއް ނުކުރާނެއޭ ބުނެ، ބަލި މީހާގެ ބޮލަށް ކަންކަން ކަނޑާލާ ހިސާބަށް ގޮސްފައި އެބަހުއްޓެވެ. އެ ފަދަ މައްސަލަތަކުގައި ހޮސްޕިޓަލުތަކުގެ ބަހަކީ އެންމެ ފަހު ބަސް ކަމަށް ހަދައި މީހެއްގެ ފުރާނާއާ ގުޅިފައިވާ މައްސަލައެއް ނިންމާލެވެން އެބަ އޮތް ހެއްޔެވެ؟ 

ހޮސްޕިޓަލްތަކުގައި ހިނގާ އެފަދަ ކަންކަން ބަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް އައްޔަނު ކުރުމަށް ގާނޫނުގައި އަންގާފައިވެ އެވެ. އެ ކޮމިޝަނަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބަލައި އެތަންތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލަންޖެހެ އެވެ. 

ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާ އެއް ލިބިއްޖެ ނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިޝަނަރަށް ލިބިއްޖެ ނަމަ އެކަން ބަލައި ތަހުގީގުކޮށް ކަމާބެހޭ މެޑިކަލް ބޯޑަށް ނުވަތަ ހެލްތު މިނިސްޓަރަށް ރިޕޯޓް ހުށައެޅުމަކީ ކުއަލިޓީ އެޝުއަރެންސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެހެން ނަމަވެސް މިފަދަ އެތައް ހާދިސާއެއް ހިނގައިގެން ދިޔަ އިރުވެސް އެ ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ގާނޫނުން ލާޒިމް ކޮށްފައިވާތާ ހަތަރު އަހަރުވީއިރު ވެސް އެ މަގާމަށް މީހަކު އައްޔަނު ކޮށްފަ އެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް