ads
އިސްލާމިކް މިނިސްޓްރީ--
ޒަކާތުގެ ފައިސާ ބެހި ގޮތާ މެދު ސުވާލު އުފެދިއްޖެ!
މި އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ޒަކާތް ހައްގުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ބެހި ގޮތާއި މެދު ސުވާލު އުފެދިއްޖެ އެވެ.

ކޮވިޑް 19 އާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އަހަރު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ދޫކުރާނީ އެކައުންޓަށް ޖަމާކޮށްގެން ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް ޒަކާތުގެ ފައިސާ ޖަމާކޮށްދީފައި ނުވާ ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން، ރޯދަ މަހުގެ އެންމެ ފަހު ދުވަހު 70-80 މީހަކު މިނިސްޓްރީ އަށް ގެންގޮސް، މިނިސްޓްރީގެ ތިޖޫރީގައި ހުރި 100،000ރ. ވަނީ އެ މީހުންނަށް ބަހާފަ އެވެ. ނަމަވެސް އެއީ ކިހިނެއް އެކުލަވާލި ލިސްޓެއް ކަމެއް ސާފެއް ނުވެ އެވެ.

ކުރިން ބުނެފައިވަނީ މި އަހަރު ޒަކާތް ބަހާނީ ކުރީ އަހަރު ޒަކާތް ހައްގުވާ މީހުން ކަމަށް ލިސްޓް ކޮށްފައިވާ ލިސްޓަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިއަދު މިނިސްޓްރީން އަމަލު ކުރި ގޮތުން އެ ލިސްޓުގައި ހިމެނޭ އެންމެންނަކަށް ފައިސާ ލިބިފައެއް ނުވެ އެވެ.

"ލިސްޓް އެކުލަވާލާފައި ވަނީ އެންމެ ފަހުން މުދަލު ޒަކާތް ދިނުމަށް 2019 ސެޕްޓެމްބަރު ގައި ފަގީރުންގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކަށް،" މިނިސްޓްރީން ބުނެ އެވެ.

މި އަހަރު ޒަކާތުގެ ގޮތުގައި ހަ މިލިޔަނެއްހާ ރުފިޔާ ލިބުނު އިރު، އީދު ނަމާދުގެ ކުރިން ޒަކާތުގެ ހައްގުވެރިންނަށް، މީގެ ކުރިން ބެހި ނަމަވެސް މި ފަހަރު އެ ފައިސާ މިހާތަނަށް ބަހާފައިވަނީ މަދު ބަޔަކަށް، އަދި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށް ވެ އެވެ. އަދި އެކަން އެގޮތަށް ކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

އެެކަމާ ގުޅިގެން ސީއެންއެމްއިން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ މިނިސްޓްރީން ބަހާފައި ވަނީ ޒަކާތު ފައިސާ ކަަމަށާއި ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ. 

އެންމެ ފަހުން މުދަލު ޒަކާތް ދިނުމަށް 2019 ސެޕްޓެމްބަރު ގައި އެކުލަވާލި ލިސްޓަށް ޒަކާތް ބަހާނެ ވާހަކަ ބުނުމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކަން ބޮޑުވުން ފާޅުކުރައްވާ، އެގޮތަށް އެކަން ނުކުރުމަށް ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް