ads
މާލޭގެ މަގުމަތި-- ފޮޓޯ: ސީއެންއެމް
ޓެކްސީއަކަށް އެރޭނީ ދެ މީހުންނަށް
ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ޓެކްސީގެ ހިދުމަތް ފަށަން ނިންމާފައިވާއިރު ޓެކްސީއަކަށް އެރޭނީ އެންމެ ދެ މީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، އައިޝަތު ސާމިޔާ ވިދާޅުވީ ޓެކްސީގައި އެތެރެ ފެންނަ ކަހަލަ ޕާޓިޝަނެއް ޖަހަން ޖެހޭ ކަމަށާއި ކުރީ ސީޓަށް މީހަކަށް ނޭރެނެ ކަމަށެވެ. 

އަދި ޓެކްސީއަށް އެރުމުގެ ފުރުސަތު އޮންނާނީ ދެ މީހަކަށް ކަން ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު އާންމު ހާލަތުގައި ޓެކްސީގެ ފަހަތަށް ތިން މީހުންނަށް އެރުމުގެ ހުއްދަ އޮވެ އެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޓެކްސީއަކީ ބަންދުވެފައި ހުންނަ އެއްޗަކަށް ވެއްޖެނަމަ އެއީ ބަލި އިންކިއުބޭޓް ކުރާ ތަނަކަށް ވެދާނެ ކަމަށާއި އެހެންކަމުން ޓެކްސީއަށް އަރައި މީހުން ވެސް އޭގެ ކުޑަ ދޮރު ހުރީ ހުޅުވާފައިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ފަސެންޖަރުން އަބަދުވެސް ތިބެންޖެހޭތީ ފަހަތު ގޮނޑީގައި ކަމަށާއި ޑްރައިވަރުގެ އިތުރުން ފަސެންޖަރު ވެސް އިންނަންވާނީ މާސްކް އަޅައިގެން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މަގުމަތިން ޓެކްސީ ނުނެގޭނެ ކަމަށާއި އިތުރު ފަސެންޖަރަކަށް ހިދުމަތް ދެމުން އެހެން ފަސެންޖަރަކު ޓެކްސީއަށް ނޭރުވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވެ އެވެ. 

"ކުރިއަށް އޮތް ތަނުގައި ޑްރައިވާ އިންނަ ސީޓާ ފަހަތު ސީޓްގަ ޕާޓިޝަނެއް ވެސް ޖަހަން ވާނެ. އަދި ޓެކްސީތަކުގަ ވެސް އޮންލައިންކޮށް ލާރި ދެއްކެން ޖެހޭ ގޮތަށް ހަމަޖެއްސުން. ޓެކްސީތަކުގައި ހުންނަން ޖެހޭނީ ކުޑަދޮރުތައް ހުޅުވާފަ ދެން ހަމައެކަނި ޓެކްސީ ސެންޓާއިން ނޫނީ ޓެކްސީ ބުކްކުރާ އެޕަކުން ބުކްކޮށްގެން ނޫނީ ޓެކްސީއަކަށް ނޭރޭނެ. މަގުމަތިން ޓެކްސީ ނަގައިގެން އެރުމަކީ މިވަގުތަށް ހުއްދަކަމެއް ނޫން. އަދި ހަމައެގޮތަށް ދެ ދަތުރު އެއްކޮށްލައިގެން ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫން،" ފަސެންޖަރުންގެ ލޮގެއް ވެސް ބަހައްޓަން ޖެހޭކަން ފާހަގަކުރައްވާ ޑރ، ނަޒްލާ ވިދާޅުވި އެެވެ.

އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ދެ ހަފުތާ ފަހުން ހުރިހާ ޓެކްސީއަކަށް ވެސް ހުއްދަ ދެވޭނެ ކަމަށެވެ. އެގޮތުން އެ ހުއްދަ ލިބޭނީ އެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަހުގެ 15 ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކުރިއިރު އެކަމާއި ގުޅިގެން ޓެކްސީގެ ހިދުމަތް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި އެކަމުގެ ކަންބޮޑުވުންތައްް ހިއްސާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް