ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ލުއިތަކާއެކު ދިވެހިންނަށް ހިފަހައްޓާލެވޭނެތަ؟
މާދަމާއަކީ ރާއްޖޭގައި އެއް ދުވަހެއްގައި ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވާނެ ކަމަށް ލަފާކޮށްފައި އޮތް ދުވަހެވެ. 1600 އެއްހާ މީހުން ބައްޔަށް ޕޮޒިޓިވްވެ ރާއްޖޭގެ އައިސީޔޫތަކަށް ބާރު ބޮޑުވާނެ ކަމަށް ޑރ. ޝީނާ މުސާ ލަފާ ކުރައްވި ދުވަހެ އެވެ. އެކަމަކު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރި މި ދެ ހަފުތާގައި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެ ލޮކްޑައުންއަށް މިވަނީ ލުއިދީފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކަށް ލުއިދީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު އޮތީ ލޮކްޑައުންކޮށްފަ އެވެ. މި 14 ދުވަހުގެ ތެރޭގައި ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް އެ މުއްދަތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެނަމަ އަލުން އަނބުރާ ފުލް ލޮކްޑައުންއަކަށް ދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެ އެވެ. އެކަމަކު އެގޮތަށް އެކަން ނުވެ ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރެވިއްޖެނަމަ ލުއި ދިނުމުގެ ދެވަނަ ފިޔަވަހި ފަށަން ސަރުކާރު އޮތީ ތައްޔާރަށެވެ. 

ލޮކްޑައުނަށް މިހާތަނަށް ލުއި ދީފައިވާ ގައުމުތަކުގެ ހާލަތު ސަރުކާރަށް އެނގެ އެވެ. ދުނިޔޭގައި މި ބަލި ބާރަށް ފެތުރެމުންދިޔަ ގައުމުތަކުގައި ވެސް ބަލި ޖެހޭ މިންވަރު ދަށް ކުރެވި ދިން ލުއިތަކާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދިޔަ އެވެ. ގައުމުތަކުގެ ތަޖުރިބާއަށް ބަަލައި ރާއްޖޭގައި މި ލުއި ދީފައި ވަނީ ވަރަށް ވިސްނުމަށް ފަހު ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެ އެވެ. 

"ލޮކްޑައުނުގެ ހާލަތުން ލުއިތަކެއް ދެވޭއިރުގައި ޕޮޒިޓިވް ކޭސް ފެންނަވަރު އިތުރުވާކަން އެއީ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް ގާތްގަނޑަކަށް ފެންނަ ކަމެއް. އެކަން އަތުން ކައްސާލައިގެން އޮބިނޯންނަވަރަށް އިތުރުވެގެންދަނީތޯ އަޅުގަނޑުމެން ބަލަން ޖެހެނީ. އެހެންވިޔަ ނުދިނުމަށް ރޭވިފައި ހުންނަ ރޭވުންތައް ފޭޒް އެކެއްގައި ވެސް ރޭވިފައި ހުންނާނީ،" މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ލޮކްޑައުންގައި ލިބޭ ރައްކާތެރިކަމާއި ހިމާޔަތް ލޮކްޑައުން ދޫކޮށްލުމުން ނުލިބޭނެ ކަމަށާއި ލޮކްޑައުން ނިންމާތަނުން މައިނާ ސާޖް އެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ.

ޑރ. އަފްޒަލްގެ އެންމެ ބޮޑު ބިރު: ލޮކްޑައުން ނެގުމާއެކު މީހުން ބޭރަށް ދިއުން!

މައިނާ ސާޖެއް އަޔަ ނުދީ ހިފެހެއްޓެން އޮތީ ރައްޔިތުންނަށެވެ. ކަމާއި ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް އިހުތިރާމުކޮށް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތަކީ މިއީ އެވެ. 

ފިޔަވަޅުތަކަށް ލުޔެއްދޭ ވާހަކަ ދައްކަން ފެށުމާއެކު ޑރ. އަފްޒަލް ވަނީ އެކަމުގައި އެންމެ ބޮޑަށް ބިރު ގަންނަނީ ކުރީގެ އާންމު ދިރިއުޅުމަށް ރައްޔިތުން ގޮސްދާނެތީ ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ ހަލަބޮލި ދިރިއުޅުމަށް އަދި ދެވެން ނެތްކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވަނީ  ސާޖެއް އަޔަނުދީ ހިފެހެއްޓޭނީ ނިއު ނޯމަލްއެއްގައި ގާތްގަނޑަކަށް ދެތިން މަހު އުޅެގެން ކަމަށް ވިދާޅުވެފަ އެވެ. 

ދިރިއުޅުމުގެ ވައްޓަފާޅިއަށް އެފަދަ ބޮޑު ބަދަލެއް ގެނައުމަކީ އުނދަގޫ ކަމެއްނަމަވެސް އެގޮތަށް އެކަން ނުކޮށްފިނަމަ ލޮކްޑައުނުގެ މުއްދަތުގައި ލިބުނު ހިމާޔަތް ދެމި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެއަކަސް މިއަދުން ފެށިގެން ލޮކްޑައުންއަށް ލުޔެއް މިވަނީ ލިބިފަ އެވެ. ކުރިން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން ހުއްޓައިލާފައި އޮތްއިރު މާ ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގެ އިތުރުން ގުޅީފަޅަށް މީހުން އަރައި ފޭބުން ވެސް އޮތީ މަނާކޮށްފަ އެވެ. އެކަމަކު މިހާރު އޭގެ ތެރެއިން ވެސް ބައެއް ކަންކަމަށް ލުއިތައް ވަނީ ދީފަ އެވެ. 

ކުރިއަށް އޮތް 14 ދުވަހު ލުއިދީފައިވާ ކަންކަން: 

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން.
  • އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު ތިން ގަޑިއިރަށް ގެއިން ބޭރަށް ނުކުމެ އުޅުން.
  • މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން.
  • މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން.
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން. 
  • ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިޔުން.
  •  ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން.
  • ސިއްހީ ހިދުމަތާއި އެހެނިހެން ޢާންމު ހިދުމަތްތައް ދިނުން އިތުރުކުރުން.

ލުއިތަކާއެކު ހިފަހައްޓާލެވޭނެ!

މި ލުއިތަކާއެކު އެންމެ ގިނަ ބައެއްގެ ސުވާލަކަށްވީ ދިވެހިންނަށް ހިފަހައްޓާލެވޭނެތޯ އެވެ. އެހެން ގައުމުތަކުގެ ހާލަތަށް ދިވެހިން ނުވެއްޓޭނެތޯ އެވެ. ނޫނީ އަދިވެސް ދުވާލެއްގެ މައްޗަށް 50 އެއްހާ މީހުން ޕޮޒިޓިވްވަމުން އަންނަ މިދަނޑިވަޅުގައި ދިވެހިން އެޅި އެ ފިޔަވަޅުގެ ސަބަބުން ފަހުން ހިތި ނަތީޖާއެއް ދެކެން ޖެހިދާނެތޯ އެވެ. 

ކޮންމެއަކަސް އެ ސުވާލުގެ ޖަވާބު ޑރ. އަލީ ލަތީފް ވަނީ ބުދަ ދުވަހުގެ ރޭ ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ. އެެއީ ލުއިތަކަށްފަހު ކޭސްތައް އިތުރުވެއްޖެނަމަ ފަރުވާދެވޭނެ ގާބިލުކަން އެބަހުރި ކަމަށެވެ. ޑރ. ވިދާޅުވީ ލޮކްޑައުންއަށް ލުއިދޭން ނިންމި އެންމެ މުހިއްމު އެއް ކަމަކީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ހުރުމުގެ އިތުރުން އެ ބައްޔަށް ފަރުވާ ދިނުމާއި ޓެސްޓް ހެދުމުގެ އިތުރުން ސާމްޕަލް ނެގުމުގައި ވެސް ކުރިއަށް ވުރެ ބޮޑަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފަށައިގަތްއިރުގަ ކޮވިޑަށް ހާއްސަ ހޮސްޕިޓަލެއް ނެތް. އެހެންނަމަވެސް އިރާދަފުޅުކުރެއްވިޔާ މިހާރު ހުޅުމަލޭގައި މެޑިކަލް ފެސިލިޓީއެއް އެބަ ހުރި.. އޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލް، އެދެ ހޮސްޕިޓަލް އެއްކޮށްލީމަ ގާތްގަނޑަކަށް 300 އަަށް ވުރެ ގިނަ އެނދު އަޅުގަނޑުމެންނަށް އެބަ ލިބޭ،" ޑރ؛ އަލީ ލަތީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޑރ. އަލީ ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް 600 އެއްހާ ޓެސްޓް ހަދަމުން އަންނަ ކަމަށެވެ. އަދި އޭޑީކޭއިން ވެސް ޓެސްޓްތައް ހަދަން ފަށާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ 1000 އަށް ޓެސްްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ލޮކްޑައުންއަށް ލުއިދިނުމަކީ މިނިސްޓަރު ފާހަގަކުރި ގޮތަށް އަޅުގަނޑުމެންގެ ތެރެއިން ކޮވިޑް ފިލައިގެން ދިއުމެއް ނޫން. ކޮވިޑް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ. އަދި އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި ފުދޭ ވަރަކަށް ގިނަ ދުވަހު، ކޮވިޑާއެކު އަޅުގަނޑުމެންނަށް އުޅެން ޖެހޭނެ،"

ގެއަށް އަންނަ ކޮންމެ މީހަކު ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ބައްދަލުކުރިޔަ ނުދީ!

ކޮވިޑް-19 ގެ ނުރައްކާ ބޮޑީ ދުވަސްވީ މީހުންނާއި ކުޑަ ކުދިންނަށެވެ. ހާއްސަކޮށް އިތުރު ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުންނަށް އެ ބަލީގެ ނުރައްކާ ބޮޑެވެ. އެހެންވެ ޑޮކްޓަރުންގެ އިރުޝާދަކީ މި ދުވަސްވަރު ގޭގެއަށް ޒިޔާރާތް ނުކުރުމެވެ. އަދި ގޭގައި އުޅޭ ދުވަސްވީ މީހުންނަށް ކޮންމެ ކޮންމެ މީހަކާއި ބައްދަލުވުމުގެ ފުރުސަތު ނުދިނުމަށް އެދިވަޑައިގެން ޑރ. އަފްޒަލް ވިދާޅުވެފައި ވަނީ ގެއިން ވިޔަފާރީގެ ބޭނުމަށް ނުކުތުމަށް ކަނޑައަޅާފައިވާ މީހާއާއި ގޭގައި އުޅޭ ދުވަސްވީ މީހާ ބައްދަލުވުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު އެމީހަކާ ދިމާވާނަމަ ބޭރުން އަންނަ ގޮތަށް ފެންވަރާއި ބޭރަށް ދިއުމަށް ލައިގެން ހުރި ހެދުން ބަދަލުކުރުމަށް ފަހު ނޫނީ ބައްދަލު ނުކުރުމަށް އިލްތިމާސްކުރައްވަ އެވެ. 

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ދުވަސްވީ މަދު ބަޔަކު ހިމެނުންނަމަވެސް މިހާތަނަށް ރާއްޖެއިން ބަލީގައި މަރުވި ފަސް މީހުންގެ ތެރޭގައި 80 އަހަރުން މަތީގެ ތިން ދިވެއްސަކު ހިމެނެ އެވެ.

ކެތްތެރިިކަމާއެކު ފިޔަވަޅުތަކަށް ބޯލެނބުން ނޫން ގޮތެއް ނެތް:

މިއަދު ލުއިތަކެއް ލިބުނުއިރު ހަނދާނުގައި ގިނަ ކަންތައްތަކެއް ބަހައްޓަން ޖެހެ އެވެ. އެއީ ކަމާއި ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމުކޮށްގެން ކުރިއަށް އޮތް 14 ދުވަހުގެ އިމްތިހާނުން ފާސްވެ، އިތުރު 14 ދުވަހަށް ގިނަ ލުއިތަކެއް ހޯދުމެވެ. އެކަން ކުރެވެން އޮތީ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. 

ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ފިހާރަތަކަށް ދިއުމުގެ ހުއްދަދޭން ނިންމާފައިވާއިރު ކޮންމެހެނުން އެ ހުއްދަދިން ނަމަވެސް އެންމެން ބޭރަށް ދިއުން ލާޒިމެއް ނޫނެވެ. އެހެންކަމުން ވީހާވެސް މަދު ބަޔަކު ބޭރަށް ދިއުމާއި ބޭރަށް ދާއިރު ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދުދެ އެވެ. އަދި ފިހާރައަށް ގޮސް، މާލޭ ސިޓީ ކައުންސިލުން ފިހާރަތަކުގެ ބޭރުގައި ކުރަހާފައިވާ ފާހަގަތަކުގައި ތިބުން ވަރަށް މުހިއްމެވެ. 

އަދި މަގުމަތީގައި އުޅޭއިރު ވެސް ވީވަރަކުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި އެއްވަރަށް އަނބުރާ ގެއަށް ދިއުމަށް ފަހު ވެސް ފެންވަރާއި ސާފުތާހިރުވުން މުހިއްމެވެ. ބޭނުމެއް ނެތް ގޮތެއްގައި މަގުތަކަށް ނިކުތުން ހުއްޓާލަން ޖެހެ އެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ލޮކްޑައުނަށް ދިން ލުޔަކީ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުން ވީއްލިގެންދީފައިވާ ލުޔެއް ނޫން ކަމެވެ. އެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތް ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް