ads
މިނީ އިމަޖަންސީ ވެންޓިލޭޓަރު-- ފޮޓޯ: ލަންކާގައި ހުންނަ ތައިލެންޑް އެމްބަސީ
10 މިނީ އެމަޖަންސީ ވެންޓިލޭޓަރު ތައިލެންޑުން ރާއްޖެއަށް ހަދިޔާކުރަނީ
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ތައިލެންޑުގެ ރިސާޗް އިންސްޓިޓިއުޓެއް ކަމަށްވާ، ކިންގް މޮންގްކުޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ލަރަބޭންގް (ކޭއެމްއައިޓީއެލް) އިން ދިހަ މިނީ އިމަޖަންސީ ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓްރީން އިސްނަގައިގެން ރާއްޖެއަށް އެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެ، އެކަމަށް ދިވެހި ސަރުކާރުން އެދިފައިވާތީ ކަމަށް ސްރީލަންކާގައި ހުންނަ ތައިލޭންޑުގެ އެމްބަސީން ބުނެ އެވެ. 

ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ވެސް އެ ޕޯސްޓް ޝެއާކޮށްފައިވާއިރު އޭގައި ވަނީ ރާއްޖެއަށް ހަދިޔާކުރާ މިނީ އިމަޖަންސީ ވެންޓިލޭޓަރުތަކަކީ ކޭއެމްއައިޓީއެލުގެ އިންޖީނިއަރިން އަދި މެޑިސިން ފެކަލްޓީ އާއި އާކިޓެކްޗާ ފެކަލްޓީ ގުޅިގެން އުފައްދާފައިވާ އުފެއްދުމެއް ކަމަށެވެ. 

ރާއްޖެއަށް ހަދިޔާކުރާ ތަކެތި އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެތަކެތި ޖޫން މަސް ނިމުމުގެ ކުރިން ރާއްޖެއަށް ފޯރުކޮށްދެވެނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އެމްބަސީން ބުނެފައި ވަނީ އެގައުމުގެ އަމިއްލަ ކުންފުނިތަކުން ވެސް ރާއްޖެއަށް ސިއްހީ އާލާތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އާއި ޑިސްއިންފެކްޓް ކުރާނެ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވާކަން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް