މެގަން ތީ ސްޓެލިއަން ގެ 'ސެވެޖް' އަށް ނަށާ ވީޑިއޯ އަކީ މިހާރު މުޅި ދުނިޔެގައި ގިނަ އަދަދެއްގެ ބަޔަކު ކުރަމުންދާ ކަމެކެވެ. އެގޮތުން ޓިކްޓޮކްއިން މަޝްހޫރު ވެގެން އައި މި ލަވަ މިހާރު ވެފައި ވަނީ ޓިކްޓޮކްގެ އެންމެ ފަހުގެ މަޝްހޫރު ޓްރެންޑް އަށެވެ. އެގޮތުން، މި ޓްރެންޑް ގައި ވަނީ އެތަކެއް ބޮލީވުޑް އަދި ހޮލީވުޑްގެ ފަންނާނުން ވެސް ބައިވެރި ވެފަ އެވެ.
ސެވެޖް ޗެލެންޖުގައި ބައިވެރިވި މަޝްހޫރު ހޮލީވުޑް ފަންނާނުންގެ ތެރޭގައި ހެއިލީ އަދި ޖަސްޓިން ބީބާ، ޖެނީފާ ލޯޕެޒް އަދި ޖެސިކާ އަލްބާ ހިމެނެ އެވެ. އަދި ބަނޑުބޮޑުވެފައި ހުރި ނިކީ ބެލާ ވެސް ވަނީ މި ޗެލެންޖު ޖައްސާފަ އެވެ.
މި ޗެލެންޖުގައި ބައިވެރިވި މަޝްހޫރު ބޮލީވުޑް ފަންނާނުންގެ ތެރޭގައި، ޖޯޖިއާ އަންޑްރިއާނީ ހިމެނެ އެވެ. އަދި ޖޯޖިއާ ވަނީ ސަނީ ލިއޯން އަށް އެ ލަވައަށް ނެށުމަށް ޗެލެންޖު ވެސް ކޮށްފަ އެވެ. ބޮލީވުޑް ފަންނާނުންގެ ތެރެއިން އެންމެ ފަހުން މި ޗެލެންޖު ޖައްސާފައި ވަނީ ދިޝާ ޕަޓާނީ އެވެ. ދިޝާ ވަނީ އެ ލަވައިގެ ބިޔޮންސޭގެ ވާޝަން އަށް ވަރަށް ރީތި ކޮށް ނަށާލާފަ އެވެ. އަދި އޭނާ އެ ލަވައަށް ނެށި ވީޑިއޯ ވަނީ އިންސްޓަގްރާމް ޕޯސްޓަކުން ފޭނުންނާއި ހިއްސާ ކޮށްފަ އެވެ.
އިންސްޓަގްރާމް އަށް ގިނައިން ފޮޓޯ އާއި ވީޑިއޯ ލާ އުޅޭ ދިޝާ ވަނީ ވަރަށް ފަހުން ގޮނޑުދޮށަށް ގޮސް ރީތި މާ ޖަހާފައިވާ ހެދުމެއްގައި އިން 'ސަންކިސްޑް' ފޮޓޯ އެއް ވެސް ޕޯސްޓް ކޮށްފަ އެވެ.
ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ތަރިއެއް ކަމަށްވާ ދިޝާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ފިލްމު މަލަންގް ގަ އެވެ. އެ ފިލްމުން އޭނާ އާއި އެކީ އަދިތިޔާ ރޯއީ ކަޕޫރް ފެނިގެންދާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަނިލް ކަޕޫރް ވެސް ފެނިިގެންދެ އެވެ.