
ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާ މިންގަނޑުތަކާ އަދި ކޮވިޑް-19 ގެ ހާލަތުގައި އެފަދަ ތަނެއްގައި ހުންނަންޖެހޭ ކަމަށް ބައިނަލްއަގްވާމީ އިދާރާތަކުގެ އެންމެ ކުޑަވެގެން ކަނޑައަޅާފައިވާ މިންގަނޑުތައް ހުރިތޯ ބެލުމަށް އެޗްއާރުސީއެމުން ވަނީ އެތަނަށް ޒިޔާރާތްކޮށްފަ އެވެ.
800 ބިދޭސީނަށް ތިބެވޭ ގޮތަށް ހަދާފައިވާ އެތަނާއި ގުޅިގެން އެޗްއާރުސީއެމުން ވަނީ ހަތް ކަމެއް ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފެސިލިޓީގައި މީހުން ބައިތިއްބަން ފެށުމުގެ ކުރިން، ފެސިލިޓީގައި ތިބޭ މީހުންނާއި މުވައްޒަފުންގެ ކަރާމާތްތެރިކަން ދެމެހެއްޓުމަށް ފެންވަރާ ތަނުގައި އެކަކު އަނެކަކަށް ނުފެންނާނެ ގޮތަށް ފަރުދާވެގެން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ސިއްހީގޮތުން އެކަހެރިކޮށްފައި ތިބޭ ފަރާތްތައް ތިބޭ ކޮޓަރިތަކުގެ އެނދުތަކުގެ ތަރުތީބު ދުނިޔޭގައި އެބައްޔާ ގުޅޭގޮތުން އެކުލަވާލާފައިވާ ގަވާއިދުތަކާއި، ރާއްޖޭގައި އެފަދަ ފެސިލިޓީތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޮޓަރިއެއްގައި ނުވަތަ ނިދުމަށް ހަމަޖައްސާ ތަނުގައި އެކަކަށްވުރެ ގިނަ މީހުން ނިދާނަމަ، އެނދު ނުވަތަ ގޮދަނޑި އެއް ފޫޓު ދުރުމިނުގައި ބެހެއްޓުމަށް އަންގާފަ އެވެ.
އެ ފެސިލިޓީގައި މީހުން ބައިތިއްބަން ފެށުމުގެ ކުރިން، މޫނު ދޮވުމަށާއި އަތްދޮންނަ ތަންތަން އިތުރުކުރުމަށާއި ފެސިލިޓީގައި ފުރަތަމަ އެހީއަށް ބޭނުންވާ ތަކެއްޗާއި، ބޭސް އަދި އާލާތްތައް ފުރިހަމަކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގަ އެވެ.
އޭގެ އިތުރުން ފެސިލިޓީގައި ތިބޭ މީހުންނާއި މުވައްޒަފުން މުނިފޫހިވިލުމަށް ވަސީލަތްތައް ހޯދުމާއި އަދި ތަނުގައި ތިބި މީހުންނަށް ކަސްރަތުކުރުމަށް ހާއްސަ ތަނެއް ކަނޑައެޅުމުގެ އިތުރުން ފެސިލިޓީގެ ސެކިއުރިޓީ އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާ ސިސްޓަމް ހަރުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ފެސިލިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވާލުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށް ގަވާއިދުން ބެލުމަށް ވެސް އަންގަ އެވެ.
އެގޮތުން ޑިފެންސް މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް މޮނިޓަރިންގެ ރިޕޯޓް ހުށަހެޅުމުން އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފެށުމަށް އެޗްއާރުސީއެމުން އަންގަ އެވެ.