ads
ޝަކުވާ
އެ މީހުން ދިޔުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް ނަވްޔާގެ ކޯތާފަތުން ތިރއަށް ފައިބަން ފެށިއެވެ. މަޑުމަޑު ގިސްލެވުމަކާ އެކު ހުރިތަނަށް ތިރިވެވުނެވެ. ދިލަ ވޭނުން އެ ހިތް އަނދާ އަޅިއަށް ވަނީހެން ނަވްޔާއަށް ހީވިއެވެ.
ޝަކުވާ (އަށާރަ ވަނަ ބައި)

އެ މީހުން ދިޔުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް ނަވްޔާގެ ކޯތާފަތުން ތިރއަށް ފައިބަން ފެށިއެވެ. މަޑުމަޑު ގިސްލެވުމަކާ އެކު ހުރިތަނަށް ތިރިވެވުނެވެ. ދިލަ ވޭނުން އެ ހިތް އަނދާ އަޅިއަށް ވަނީހެން ނަވްޔާއަށް ހީވިއެވެ.

*******

އަޞްރު ނަމާދުން ފައިބައިގެން އާދައިގެ މަތިން ނިޒާރު ހިނގައިގަތީ ފިހާރައަށް ދާށެވެ. ހައްޔާން ފަދަ ހަރުދަނާ ޒުވާނަކާ އަޒްކާގެ ކައިވެނި ކުރެވެން އުޅޭތީ ނިޒާރަށް ލިބިފައިވާ ހިތްހަމަ ޖެހުން ނުހަނު ބޮޑެވެ. ކައިވެނީގެ ފަހުން ނިޒާރުމެންގެ ދެ ފިހާރައާ ހަވާލުވެ، ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭކަމުގެ އިޝާރާތެއް ހައްޔާން ފަރާތުން ލިބިފައި ވުމުން ސިކުނޑިއަށް ލުއިވެފައިވެއެވެ. ފިހާރައާ ހަމައަށް ދެވުމުން ތަޅުހުޅުވުމަށް ފަހު ނިޒާރު އެތެރެއަށް ވަނެވެ. އާންމުކޮށް މީހުން ނުވަންނަ ގަޑިއެއް ނަމަވެސް އެ ގަޑީގައި ފިހާރަ ހުޅުވަނީ ކުރަން ހުންނަ ބައެއް މަސައްކަތް ކޮށްލުމަށެވެ. ނިޒާރު ގޮސް ގޮނޑީގައި އިށީނދެ ހަމަޖެހިލިތަނުން ފިހާރައަށް މީހަކު ވަނެވެ. ކުރިމަތިން ހަރީރާ ފެނުމާ އެކު ނިޒާރުގެ ދެ ބުމަ ގޮށް ޖެހުނެވެ. ހަރީރާއަކީ ނިހާޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނިހާޔާއަށް މަގުއޮޅުމުގައި ހަރީރާގެ އަތެއް ވާކަމަށް ނިޒާރު އަބަދުވެސް ޤަބޫލުކުރެއެވެ.

"ނިޒާރުބޭ." ނިޒާރުގެ ގާތަށް އަންނަމުން ހަރީރާ ގޮވައިލިއެވެ.

"ހަރީރާއާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ." ނިޒާރު ބުންޏެވެ.

ނިޒާރުގެ އަޑުގައިވި ރުންކުރުކަމާއި މޫނުގައިވި ހަރުކަށިކަން ފެނިފައި އެހެން ފަހަރުތަކެކޭ އެއްފަދައިން ހަރީރާ ޖެހިލުންވިއެވެ. ނަމަވެސް މިއަދު ފަސް ޖެހުމުގެ ޚިޔާލެއް ހަރީރާގެ ނެތެވެ. ނަވްޔާގެ ވޭނީ ގިސްލުމުގެ އަޑު އަދިވެސް ހަރީރާގެ ކަންފަތުގައި ހަރުލާފައިވެއެވެ.

އިއްޔެ ޓިއުޝަން ދޭން އައިސްފައި ނަވްޔާ އިންގޮތުން ކުދިންކޮޅު ފޮނުވާލައިފައި ވީ ކިހިނެއްތޯ އެހުމާ އެކު ހަރީރާގެ ގައިގައި އޮޅުލައިގެންފައި ނަވްޔާ ރޯންފެށިއެވެ. ނަވްޔާ ހަމައަކަށް އެޅުނީ އެތައް އިރެއްގެ ފަހުންނެވެ. އަހާއަހާ ވެސް ނަވްޔާ އެއްވެސް އެއްޗެއް ނުބުނުމުން ހީވާގޮތުގެ މައްޗަށް ބިނާކޮށް ހަރީރާ ވާހަކަދެއްކިއެވެ. އަލަތު ލޯބި ކާމިޔާބު ނުވި ނަމަވެސް އެއަށް ވުރެ ރަނގަޅު، ނަވްޔާ ދެކެ މާ ލޯބިވާނެ މީހަކު ލިބޭނެކަމުގައި ބުނެ ނަވްޔާގެ ހިތްހަމަޖައްސައިދޭން ހަރީރާ އުޅުނެވެ.

"ނޫން، ހަރީރާއްތާ، އަހަރެން އުފަންވީ ވެސް ބަދުނަސީބުން. އަހަރެން ކަހަލަ ކުއްޖަކު ދެކެ ލޯބިވާނީ ކާކު؟ އެހެން މީހުންގެ މަލާމަތް ރައްދުވާފަދަ ކަމެއް ކުރަން ބޭނުންވާނީ ކާކު؟ ކުރިން އަހަރެންނަށް ނުވިސްނުނީ، ދެކިގެން ނުވާނެ ހުވަފެންތަކެއް ދެކެވުނީ." ނަވްޔާގެ އަޑުގައިވީ ރިހުމެވެ.

ނަވްޔާ އިއްޔެ ދެއްކި އެ ވާހަކަތަކުންނާއި ރުއިރުއިމުން ހަރީރާއަށް އާ ހިތްވަރެއް ލިބިފައިވެއެވެ. ކޮންމެގޮތެއް ހަދާފައި ވެސް މިއަދު ނިޒާރު ޖެހޭނީ ހަރީރާ ދައްކާ ވާހަކަތައް އަޑުއަހާށެވެ.

"އެކަމަކު އަހަރެން ދައްކަން ބޭނުންވާ ވާހަކަ އެބަހުރި. ކިތަންމެ ފަހަރަކު މި ވާހަކަތައް ނިޒާރުބެއާ ދައްކަން އުޅެފިން. އެކަމަކު ނިޒާރުބެ އަހަރެންނަށް ފުރުޞަތެއް ނުދޭ. ނިޒާރުބެގެ ތި ބަރު އަޑު ނެރެގެން އަހަރެންގެ ދޫ ކޮންމެ ފަހަރަކު ބަންދު ކުރަނީ. އެކަމަކު މި ފަހަރު ޖެހޭނީ މި ވާހަކަތައް އަޑު އަހަން. އެހެންނޫނީ ތިގޭ މީހުން ނަވްޔާއާ ދޭތެރޭ ކަންތައް ކުރާ ގޮތް މުޅި ރަށު ތެރޭގައި ކިޔާނަން." ހަރީރާ ބުންޏެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ބޭނުންވާ ވާހަކަ ދައްކައިފައި ނޫނީ ހަރީރާ ނުދާނެހެން ހީވެގެން ތެދުވެގެން ގޮސް ދޮރުގައި ބަންދު ބޯޑު ނިޒާރު އެޅުވިއެވެ. އަނެއްފަހަރު އިށީނދެފައި ނުރުހުމުގެ ނަޒަރަކުން ހަރީރާއަށް ބަލައިލިއެވެ.

"ކީކޭ ކިޔަަަަަަަަަަން ތި އުޅެނީ؟ ކޮންގޮތަކަށް ކަންތައް ކުރާ ވާހަކައެއް ތި ދައްކަނީ؟ ބޯ ހިޔާވަހިކަންދީ، ކާންދީ، ބޯންދީ، ކިޔަވައިދިނީމަ ވެސް ޝުކުރުވެރިވާކަށް ނޭނގުނު ދޯ. އަހަރެމެންނޭ ކިޔައިގެން ވާހަކަދައްކަނީ؟" ރުޅިއައިސްފައި ނިޒާރު އެހިއެވެ.

ހަރީރާ އަޑުއިއްވާ ހީނލިއެވެ.

"ތިބުނާ ކަންތައްތައް ކޮށްދިނުމުގެ އަގަކީ ތިގޭގެ ހުރިހާ މަސައްކަތެއް ނަވްޔާ ލައްވާ ކުރުވުންތަ؟ ނަވްޔާއަށް އެއްޗެހިކިޔާ، އަނިޔާ ކުރުންތަ؟ އެ ކުއްޖާފުޅު ކުރާ ހިތާމަ ދެނެވޮޑިގެންވާނީ މާތްﷲ. އެކަމަކު ދުވަހަކު ވެސް ޝަކުވާއެއް ކުރާ އަޑެއް ނާހަން." ހަރީރާގެ ދެ ލޯ ފެންކަޅިވިއެވެ.

"ކާކު އަނިޔާ ކުރަނީ؟ ނަސީމާގެ މިޒާޖު ހުންނަގޮތަކުން ހަޅޭއްލަވާފާނެ. އެކަމަކު އަނިޔާއެއް ނުކުރާނެ." ޤަބޫލުކުރާކަށް ނިޒާރު ބޭނުމެއް ނުވިއެވެ.

"އެންމެ ފަހަރަކު ވެސް ނިޒާރުބެ ނަވްޔާގެ ހާލު ބަލައިލިންތަ؟ އެންމެ ފަހަރަކު ވެސް ނަވްޔާ އުޅެނީ ކިހިނެއްތޯ، ހިތްހަމަޖެހިގެންތޯ ބަލައިލިންތަ؟ ދެން ކިހިނެއް އެނގޭނީ؟" ހަރީރާގެ އަޑުގައި މޮޅިވެރިކަން ވިއެވެ.

"ނިޒާރުބޭ، އަހަރެން ވެސް ހުރީ ނަވްޔާ ބަލައިދޭގޮތަށް. އެކަމަކު ނިހާޔާގެ އެންމެ ފަހު ވަޞިއްޔަތަކަށްވީ ނަވްޔާ، ނިޒާރުބެއާ ހަވާލުކުރަން. ކަންތައް ވީ ގޮތުން ނިހާޔާ ދެކެ ނިޒާރުބެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ނިހާޔާއަށް ޔަޤީންކަން އޮތް، ނިހާޔާ ބެލިގޮތަށް ނަވްޔާ ވެސް ބަލާނެ ކަމަށް. އަބަދުވެސް ބުނާނެ ނިހާޔާ ދެކެ ނިޒާރުބެ ވަރަށް ލޯބިވާނެއޭ. ކޮންމެ ވެސް ދުވަހަކުން މަޢާފު ކުރާނެއޭ. އެކަމަކު އެ ފަކީރު ދުނިޔެ ދޫކޮށް ދިޔައީ އެ ދުވަސް ނުދެކި. އިންސާނުންނަށް ކުށްވެސް ކުރެވޭނީ. ނިހާޔާއަށް ވެސް ކުށެއް ކުރެވުނު. އެ ކުށަށް ތަޢުބާވެ ނިހާޔާ ކަރުނައަޅާ ތަން އަހަރެން ދުށިން. އެކަމަކު އެ ކުށުގެ ސަޒާ ނަވްޔާއަށް ލިބެންވީ ކީއްވެގެން؟ ނަވްޔާގެ ކޮން ކުށެއް އޮތީ؟ ނިޒާރުބެއަށް އެނގޭތަ. ނިހާޔާ އެންމެފަހުގެ ނޭވާލީ އަހަރެންގެ އުނގުގައި އޮވެގެން. ނިހާޔާގެ އެންމެ ފަހުގެ އެދުމަކަށްވީ ނިޒާރުބެ ދެކިލުން. ނިޒާރުބެ އަނގައިން މައާފުކޮށްފީމޭ ބުނާ އަޑު އަހަން. އެކަމަކު...އެކަމަކު.." ހަރީރާގެ އަޑު ބެދުނެވެ.

ނޭނގި އިންދާ ނިޒާރުގެ ލޮލުން ވެސް ކަރުނަގަނޑު ފައިބައިގަތެވެ. މި ހުރިހާ ދުވަހު ހަރު ހިލަގަނޑަކަށް ހަދައިގެން އުޅުނު ނިޒާރުގެ ހިތް މަޑުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. މީހުންގެ މަލާމާތާއި ފުރައްސާރައިން ބުރި ކިސަނޑުގެ ތެރޭގައި ނިހާޔާދެކެ ވާ ލޯބި ކަފުންކޮށް ވަޅުލި ނަމަވެސް މިއަދު އެ ހިތުގައި ނިހާޔާއަށް ޓަކައި ވާ ލޯބި ހޭލައިފިއެވެ. ހަރީރާގެ ކޮންމެ ޖުމްލައަކުން ނިޒާރަށް ކުށްވެރިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ނިހާޔާއަށް ޓަކައި ނިޒާރުގެ ލޮލުން ކަރުނަ އޮހެރޭތަން ފެނުމުން ހަރީރާ އަނެއްކާ ވެސް ފެށިއެވެ.

"ނަވްޔާ ގޮވައިގެން ފުރަތަމަ ތިގެއަށް ދިޔަރޭ ވެސް މިވާހަކަތައް ދައްކަން އުޅުނިން. އެކަމަކު އެ ފުރުޞަތެއް ނިޒާރުބެ ނުދިނީމު. އުމުރުގެ ހަގުކަމުން ނިޒާރުބެއާ ކުރިމަތިލާނެ ހިތްވަރެއް އޭރު އަހަރެންގެ ނެތް. އެކަމަކު މިއަދު ނަވްޔާގެ ކަރުނައިން އަހަރެންނަށް ހިތްވަރު ލިބިއްޖެ. މިވާހަކަތައް ނިޒާރުބެއާ ހަމައަށް ގެނެސް ދެވުނީތީ ހިތަށް ލުއި ވެއްޖެ. ނިޒާރުބެގެ ހިމާޔަތް ލިބިއްޖެނަމަ ނަވްޔާގެ ހާލަތު ރަނގަޅުވާނެއޭ އަހަރެންގެ ހިތް ބުނޭ. އޭރުން އަޒްކާއަށް ލިބުނު ފަދަ ރަނގަޅު ހަރުދަނާ ބައިވެރިއެއް ނަވްޔާއަށް ވެސް ލިބުން އެކަށީގެންވޭ."

ނިޒާރުބޭ. ނަވްޔާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ދުވަހަކު ވެސް އެއްވެސް މީހެއްގެ ގޯސް ވާހަކައެއް ނުދައްކާނެ. އެ ދެ ލޮލުން އަބަދު މާޔޫސްކަން ފެންނަން ހުއްޓަސް އިއްޔެ ނޫނީ އެ ގޮތަށް ރުއިތަނެއް ވެސް ނުފެނޭ. ނަވްޔާގެ ގައިގައި ހަރުލާފައި ހުންނަނީ ނިހާޔާ ދަސްކޮށްދީފައި ހުރި ރީތި ސިފަތައް. ނިހާޔާ ބުނި ގޮތުން ނަމަ އެއީ ނިޒާރުބެ ނިހާޔާއަށް ދަސްކޮށްދިން ކަންތައްތައް. ނިޒާރުބެގެ ތަރުބިއްޔަތުގައި އުނިކަމެއް ނެތް. ހާލަތުގެ ޝިކާރައަކަށްވެ ކުޑަހިނދުކޮޅަކަށް ނިހާޔާގެ ފައި ކައްސައިލީ. ނިޒާރުބެ ނިހާޔާއަށް މައާފުކޮށްދީ. ނިހާޔާގެ ފުރާނައަށް ހަމަޖެހުން ލިބޭނީ އޭރުން." ހަރީރާ ރޮމުން ވާހަކަދެއްކިއެވެ.

ނިޒާރުގެ ބަޑިފަޅައިގެން ދިޔައެވެ. މޫނުގައި އަތް އަޅައިގެން އިނދެ ކުޑަކުއްޖެއްހެން ރޮމުން ގެންދިޔައެވެ. ހަރީރާ ދިޔުމުން ވެސް ކުށްވެރިކަމުގެ އިހުސާސުތަކުގައި ކަސްތޮޅު އެޅިފައި އެތައް އިރަކު ނިޒާރު އިނެވެ. އެހެން އިނދެފައި ކުއްލިއަކަށް ތެދުވެ، ފިހާރައިން ނުކުތެވެ. ފިހާރައިގައި ތަޅު އެޅުވުމަށްފަހު ނިޒާރު ހިނގައިގަތީ ޤަބުރުސްތާނާ ދިމާއަށެވެ. ނިހާޔާގެ މަހާނަދޮށުގައި އިނދެގެން ނިހާޔާގެ މައްޗަށް ކަރުނަ އޮހޮރަމުން ދިޔައިރު ހީވީ ނިހާޔާ ވަޅުލާފައި އައީ ދެންމެ ހެންނެވެ.

"ނިހާއްކޯ، ދޮންބެއަށް މަޢާފުކޮށްދީ." ރުއިމުގެ ތެރެއިން ނިޒާރު ކިޔަމުން ދިޔައެވެ.

******

ރޭގަނޑުގެ ރަންކިޔުމުގެ ރަސްމިއްޔާތަށް ސައިހެދުމުގެ ކަންތަކުގައި ނަވްޔާ އަވަދި ނެތި އުޅުނެވެ. ގިނަ ތަކެތި ހެދީ ދެފަރާތުގެ އާއިލާ މީހުންނާއި ރައްޓެހިން ވެގެން ހައްޔާންމެންގެ ގޭގައި ކަމުގައި ވީ ނަމަވެސް ނަވްޔާއާ ނަސީމާއްތަ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ވެސް މަދެއް ނޫނެވެ. ޓިއުޝަން ދޭން ދާނެ ވަގުތެއް ވެސް މިއަދަކު ނުވިއެވެ. އަވަދިނެތި މަސައްކަތުގައި އުޅެން ޖެހުމުން ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން ނަވްޔާއަށް ތަންކޮޅެއް ފަސޭހަވިއެވެ.

އަޒްކާގެ އުފާވެރިކަން ފެނި އަބަދުވެސް އަޒްކާ އެ ގޮތުގައި ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ. އެއާ އެކު ނުތަނަވަސްކަން ވެސް ނަވްޔާގެ ހިތުގައި އަށަގަތެވެ. ހައްޔާންގެ ވާހަކަ އަޒްކާގެ ގާތުގައި ބުނަން ބޭނުންވިއެވެ. ނަމަވެސް ހުޔޫން ބުނިހެން މިހާރު އެ ވާހަކަ ބުނުމުން އަޒްކާއަށް އެ ވާހަކަތައް ޤަބޫލު ކުރަން އުނދަގޫ ވާނެއެވެ. ނަމަވެސް ކުއްލިއަކަށް ހައްޔާން ފޮނުވި މެސެޖުތަކުގެ މަތިން ނަވްޔާ ހަނދާންވިއެވެ. ނަވްޔާއަށް ހެކި ދެއްކޭނެ ނޫން ހެއްޔެވެ؟ ކުރިން އެ ވަރު ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ ކުރަން ހުރި މަސައްކަތް ބަހައްޓާފައި ނަވްޔާ ފޯނު ނެގިއެވެ. އޭރު ބާރުބާރަށް ނަވްޔާގެ ހިތް ތެޅެއެވެ. ރަންކިޔަން މިހާ ކައިރިވެފައި ވަނިކޮށް އަޒްކާގެ ހިތް ހަލާކުކޮށްލަން ނަވްޔާއަށް ކެރޭނެ ހެއްޔެވެ؟ ދެ ފިކުރުގައި ހުރެފައި ހައްޔާންގެ މެސެޖުތައް ހޯދަން ނަވްޔާ ފެށިއެވެ. ނަމަވެސް ހައްޔާން އެއްވެސް މެސެޖެއް ނުފެނުނެވެ. އެންމެ ކުޑަމިނުން ކޯލް ހިސްޓްރީގައި ވެސް ހައްޔާނެއް ނެތެވެ. ޔަޤީން ނުވެފައި ހުރެ އަނެއްކާ ވެސް ނަވްޔާ ފޯނު ހާވަން ފެށިއެވެ.

"ނަވްޔާ" ހައްޔާން އަޑު އިވުނެވެ.

ސިހުނު ވަރުން ނަވްޔާގެ އަތުން ފޯނު ވެއްޓުނެވެ. ހައްޔާން ފެނުމުން ކަރުނައިން ލޯ ފުރިގެން އައީ ނޭނގި ހުއްޓައެވެ. އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނީ ކަރުނަތައް ސިއްރުކުރަން ބޭނުން ވީތީއެވެ.

"ނަވްޔާއާ ދޭތެރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން އަހަރެން ޤަބޫލު ކުރަން. ނަވްޔާގެ ހިތުގައި ޖެއްސުނީތީވެ މަޢާފަށް އެދެން ބޭނުން. އަހަރެންނަށް އެނގޭ އަޒްކާދެކެ ނަވްޔާ ލޯބިވާ ވަރު، އަޒްކާ އުފަލުގައި ހުންނަތަން ދެކެން ބޭނުންވާނެ ކަން ވެސް އެނގޭ. އަހަރެން ވެސް ބޭނުންވަނީ އަޒްކާ އުފަލުގައި ބަހައްޓަން. އަހަރެންނަށް މަޢާފު ނުކުރި ނަމަވެސް އަޒްކާގެ އުފަލަށް ޓަކައި އެއްވެސް ވާހަކައެއް އަޒްކާގެ ގާތުގައި ނުދައްކާނެ ކަމަށް ހީކުރަން." ހައްޔާން ބުންޏެވެ.

ނަވްޔާ ބޯ ޖަހައިލުމުން ހައްޔާން ނުކުމުގެން ދިޔައެވެ. ހައްޔާނަށް ދުލުން ބުނެލަން ކިހާ ފަސޭހަ ހެއްޔެވެ؟ މީހެއްގެ ހިތް ހަލާކުކޮށްލާފައި މަޢާފަށް އެދުނީމަ ނިމުނީހެއްޔެވެ؟ ހައްޔާނަށް ދުވަހަކު ވެސް ނަވްޔާ މަޢާފެއް ނުކުރާނެއެވެ. އެ ހިތުގައި ލެވިފައިވާ ޒަޚަމް އެއަށް ވުރެ ފުނެވެ. ނަމަވެސް ހައްޔާން ބުނިހެން އަޒްކާ އުފަލުގައި ހުންނަތަން ދެކެން ނަވްޔާ ބޭނުމެވެ. އަޒްކާގެ އުފަލަށް ޓަކައި އެ ހުރިހާ ކަމެއް ވަންހަނާ ކުރަން ނަވްޔާ ތައްޔާރެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް