ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަބޫ ދާބީއަށް ވަޑައިގެންފިއެވެ.

Advertisement
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަބޫދާބީއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު އަބޫދާބީއަށް ވަޑައިގަތީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ "އިސްލާމިކް ކޮންފަރެންސް އޮފް ހެލްތް މިނިސްޓާސް" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ޑިސެމްބަރު 17ގެ ނިޔަލަށެވެ.
މިބައްދަލުވުމުގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފެންވަރު ރަނގަޅު ދިރިއުޅުމެއް" އެވެ.
މިބައްދަލުވުމުގެ ތެރެއިން އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން އެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ އެވެ.
މީގެއިތުރުން އޯއައިސީގެ އެކިއެކި އިންސްޓިޓިއުޝަންތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ސިއްހީ ދާއިރާ ކުރިއެރުވުމަށް ހޯދިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މިފަދަ ބައްދަލުވުމެއް ބާއްވާތާ ހަތް ވަނަ ފަހަރަށް ވާއިރު އެފަދަ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.