ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް--
ހަސަން ލަތީފްގެ ބަހުގެ ހަމަލާއެއް އިމްރާނަށް: މަޖިލީހުގެ އިންތިޒާމަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަށް އެއްވެސް އިތުބާރެއް ނުލިބުން ވެސް މަޖިލީހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން މިނިސްޓަރުގެ ހުރެގެން ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު އިމްރާނުގެ ހުންނަވައިގެން ނުވާނެ ކަމަށެވެ.

އެފަދަ މޭރުކަމަކުން އޭނާ ޓްވީޓް ކުރައްވާފައި މިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށް މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރޭ ހޯމް މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާއެކު އެ މައްސަލަތައް ބަލައި އެކަންކަމުގައި އަޅަން ޖެހޭ ގާނޫނު ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަން ވެސް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.  

 އެރޭ ހަމަނުޖެހުން ހިނގީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާ ފައްޓަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންދަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރެއްވުމުން ނަން އިއްވުމުންނެވެ. 

އެކަމަކު މަޖިލީހުގެ ތަޅުން ދޫކޮށް ނިކުންނެވުމަށް އެންގެވުމުން ވެސް އެގޮތަށް އެކަން ނުކުރެއްވުމުން ވަނީ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ހަމަނުޖެހުމަކަށް ބަދަލުވެފަ އެވެ.

އެރޭގެ ހަމަނުޖެހުންތަކާއެކު ގިނަ ބަޔަކު ވަނީ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް