އެމްޕީއައި އަކީ ރައްޔިތުންގެ ސިއްހަތާއި، ތައުލީމުގެ މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރުގެ މައްޗަށް ބިނާކޮށް އެމީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ބެލުމަށްޓަކައި ކުރިއަށް ގެންދާ ދިރާސާ އެކެވެ.
އޮޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (އޯފީ) އާއި ގުޅިގެން ޔުނިސެފްގެ އެހީއާއެކު ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހުން ކުރިއަށް ގެންދިޔަ އެ ދިރާސާ އިން ދައްކާ ގޮތުގައި މަލްޓިޑައިމެންޝަނަލް ފަގީރުކަމަށް ބަލާއިރު، ފަގީރުންގެ ނިސްބަތް، މާލެއަށްވުރެ އަތޮޅުތަކުގައި މައްޗެވެ.
އެގޮތުން އަތޮޅުތަކުގެ 40 އިންސައްތަ މީހުންނަކީ ފަގީރުކަން ތަހައްމަލް ކުރަންޖެހިފައިވާ މީހުން ކަމަށާއި އެކަމަކު މާލޭގައި ފަގީރުންގެ ނިސްބަތް ހުރީ 10 އިންސައްތައިގައި ކަން އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.
އޭގެ އިތުރުން، ރިޕޯޓުގައި ބުނީ ރާއްޖޭގެ އާބާދީގެ 61 އިންސައްތަ މީހުން އަތޮޅު ތެރޭގައި ދިރިއުޅުން ނަމަވެސް ރާއްޖޭގެ ފަގީރުންގެ އާބާދީގެ 87 އިންސައްތަ ހިއްސާކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ފަގީރުން ކަމަށެވެ. އަދި ފަގީރުންގެ އާބާދީގެ އެންމެ 13 އިންސައްތަ މާލޭގައި ދިރިއުޅޭއިރު އެއީ މާލޭގައި ދިރިއުޅޭ އާބާދީއާއި އަޅާބަލާއިރު ކުޑަ މިންވަރެއް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
އޭގެ އިތުރުން އެ ރިޕޯޓުގައި ބުނީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފަގީރުކަން ހުރީ ދާދި އެއް މިންވަރެއްގައި ކަމަށާއި ފަރަގެއް ހުރީ މާލެ އާއި ޖުމްލަކޮށް އަތޮޅުތަކުގެ ހުރިހާ އަތޮޅެއްގެ އެކު ޖުމްލައިގައި ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު އެމްޕީއައި ގައި ގިނަ މީހުން މަހްރޫމްވެގެންދާ އިންޑިކޭޓަރުތައް ބެހިފައި ވަނީ ދާދި އެއްވަރަކަށެވެ. ހުރިހާ ސަރަހައްދެއްގައި ވެސް އެމްޕީއައި އަށް ހިއްސާކުރާ މައިގަނޑު އިންޑިކޭޓަރަކީ ސްކޫލްގައި ހޭދަކުރެވުނު އަހަރާއި، ސާފު ބޯފެން ލިބޭ މިންވަރާއި ނަރުދަމާގެ ނިޒާމެއް ގާއިމްވެފައި ނެތުމެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސިއްހަތާއި ގުޅުންހުރި އިންޑިކޭޓަރަށެވެ.
މާލެއަށް ބަލާއިރު އެމްޕީއައި މިންގަނޑުން ދައްކާ ގޮތުގައި ފަގީރުންގެ ނިސްބަތް އެންމެ ބޮޑަށް ދައްކަނީ ގެދޮރުގެ ބައިބޯމިނާއި އަސާސީ ސިއްހީ ހިދުމަތް ނުލިބޭތީ އެވެ.
އަދި ކުޑަކުދިންގެ ތެރެއިން ކޮންމެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކީ ފަގީރުކަމުގައި އުޅެންޖެހިފައިވާ ކުދިން ކަމަށާއި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ މެދުގައި ފަގީރުކަމުގެ ނިސްބަތް 22 އިންސައްތައިގައި ހުރިކަމަށް ވެސް އެ ރިޕޯޓުން ދައްކަ އެވެ.
އެމްޕީއައި އާއި އާމްދަނީއަށް ބިނާކޮށް އެކުލަވާލެވޭ ފަގީރުކަމުގެ މިންގަނޑު އަޅާކިޔާއިރު އެމްޕީއައިގެ މިންގަނޑުން ފަގީރުވެގެންދާ މީހުން މާގިނަ ކަމަށާއި ގައުމީ ފެންވަރެއްގައި އެމްޕީއައި އާއި އިންކަމް ޕަވަޓީއާއި ދެމެދު 20 ޕަސެންޓޭޖް ޕޮއިންޓްގެ ތަފާތު ހުރިކަން ރިޕޯޓުގައި ފާހަގަކުރެ އެވެ.
ފަގީރުކަމުގެ ބޮޑުފަރަގުން ހާމަވެގެންދަނީ ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމުގައި ފަގީރުން ދެނެގަތުމާއި ފަގީރުކަން ނައްތާލުމަށް އެއްމިންގަނޑަށް ބަރޯސާވުމުގެ ބަދަލުގައި އެދެ މިންގަނޑު ބޭނުންކޮށްގެން ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން ކަމަށް ވެސް އޭގައި ބުނެ އެވެ.
އަދި ރިޕޯޓުގައި އިތުރަށް ބުނީ އެމްޕީއައިއަކީ ފަގީރުކަމުގެ ހާލަތު ދައްކުވައިދޭ އަދި ފަގީރުކަމަށް ހުށަހެޅޭ ކަންކަން ބަޔާންކޮށްދޭ މިންގަނޑުކަމުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ސިޔާސަތު އެކަށައެޅުމުމާއި އެ ސިޔާސަތުތައް އެންމެ އެކަށޭނެ ފަރާތްތަކަށް ރައްދުވާކަން ކަށަވަރުކުރުމަށާއި އެންމެ އެކަށޭނެ ގޮތަށް އެ ސިޔާސަތުތައް ފަރުމާކުރުމަށް އެމް.ޕީއައި އަކީ ވަރަށް މުހިއްމު މިންގަނޑެއް ކަމަށެވެ.