ads
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެމްބަރުންގެ މައްސަލަތައް ބެލޭނެ: އުޝާމް
ގާނޫނު އަސާސީ އިސްލާހުކުރުމަށް މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައަށް އެމްޑީޕީގެ ޗެއާޕާޝަން ހަސަން ލަތީފްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވެސް ޖިނާއީ ކުށެއް ކޮންމެ ތަނެއްގައި ކުރިނަމަވެސް އެކަން ބެލޭނެ ކަމަށެވެ. 

އުޝާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެކަން ސާފު ކަމަށެވެ. 

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު އިމްރާނުގެ ހުންނަވައިގެން ނުވާނެ ކަމަށެވެ. 

ހަސަން ލަތީފްގެ އެ ޓްވީޓު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރީޓްވީޓް ކުރައްވާފައިވެ އެވެ. 

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރޭ ހޯމް މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާއެކު އެ މައްސަލަތައް ބަލައި އެކަންކަމުގައި އަޅަން ޖެހޭ ގާނޫނު ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަން ވެސް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.  

އެ ރޭ ހަމަނުޖެހުން ހިނގީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާ ފައްޓަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންދަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރެއްވުމުން ނަން އިއްވުމުންނެވެ. 

އެކަމަކު މަޖިލީހުގެ ތަޅުން ދޫކޮށް ނިކުންނެވުމަށް އެންގެވުމުން ވެސް އެގޮތަށް އެކަން ނުކުރެއްވުމުން ވަނީ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ހަމަނުޖެހުމަކަށް ބަދަލުވެފަ އެވެ.

އެ ރޭގެ ހަމަނުޖެހުންތަކާއެކު ގިނަ ބަޔަކު ވަނީ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް