ads
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
ކިބުރުވެރިވެ ބޮޑާވާން ހެޔޮނުވާނެ!
ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ވެސް ސިޔާސީ ކުޅިވަރަށް ނިމުމެއްނެތެވެ. މިހާރު ކުރިއަށްދަނީ ސަރުކާރު ކޯލިޝަން ޕާޓްނަރުން ކަމުގައިވާ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ހިފުމެކެވެ.

މައްސަލަ ފެށުނު ހިސާބަކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ކަންކަން ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ހިސާބުންނެވެ. 

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވުނު ޖަލްސާގައި ކަން ހިނގާދިޔަ ގޮތް ވަރަށް ސާފެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް މަސައްކަތްކުރީ މަޖިލީހުގެ މެމްބަރުންނެވެ. އެކި މެމްބަރުންނަށް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް ބުނެއެވެ. އެންމެ ބޮޑުވަރުވީ ޝިޔާމަށެވެ. 

އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ފުލުހަށް ހުށަހެޅިއެވެ. މައްސަލަ އެއް ހުށަހެޅުމުން އޭގައި ގޯހެއް ހިނގާފައި ވޭތޯ ވެސް ނުވަތަ ގޯހެއް ނެތްކަން ވެސް އެނގޭނީ އެ މައްސަލައެއް ބަލައިގެންނެވެ. އެހެން ކަމުން މިނިސްޓަރު އިމްރާމް ވިދާޅުވި ވާހަކަ އަކީ އެމޭރުމުން ވިދާޅުވި ބަހަކަށް ވުން ވަރަށް ގާތެވެ. ފުލުހުންގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާ މިގޮތަށް ހުށަހެޅޭ ކަންކަން ނުބައްލަވާނަމަ އެމަނިކުފާނު ވާނީ ޒިންމާ އަދާނުކުރައްވާ މިނިސްޓަރަކަށް ކަން ޔަގީނެވެ. 

އެހެން ނަމަވެސް މި ކަންވެސް ވިސްނިވަޑައި ނުގަތްކަމަށް ފެނުނީ އެމްޑީޕީގެ ޗެއާޕާސަނަށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓުގެ ބައެއްގައި ވަނީ "ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުން އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ....." މިހެންނެވެ. 

މަނިކުފާނެވެ. އެމްޑީޕީއަށް މިއަދު ރައްޔިތުންގެ ތާއީދު ލިބި މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތީ އެމްޑީޕީން ކުޅަ ބުރަ މަސައްކަތާއި މާތް ރަސްކަލާންގެ އެކަމަށް އިރާދަ ކުރެއްވީތީ އެވެ. ވީއިރު މިހާ ގަދަބަސް ވިދާޅުވެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާ އަނެއް ބަޔަކު ދަށްކޮށްލުމުގެ ރާގަށް ބަސްމަގު ގެންގުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ. މިއީ އެމްޑީޕީއަށް ކާމިޔާބީގެ ވަގުތެކެވެ. ކާމިޔާބީގެ ވަގުތުގައި ހިތް ތިރި ކުރުން ބުއްދިވެރި ނޫންތޯއެވެ. 

ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މައްސަލަތައް ވެސް ނުބެލުމުން ހަމަ އެ ހޯމް މިނިސްޓަރު ގެންނަވަނީ މަނިކުފާނުވެސް އިންނަވާ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވީ އިރު މިކަމުގައި ތަފާތެއް ގެންގުޅެންވީ ވަކި ކިއްވެތޯއެވެ. ކަމުގެ ހަގީގަތާއި ހަމައަށް ދިއުމަށް މައްސަލަ ތަހުގީގު ކުރުމުގައި މައްސަލައަކީ ކޮބައިތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް